ވޯލްޑް ކަޕުން ބްރެޒިލް ކެޓުމުން ކޯޗު ކާލޯ އަންޗެލޮޓީ ކޯޓަށް ވެސް ގެންދަންޖެހޭނެ ކަމަށް، އެ ގައުމުގެ ލެޖެންޑް ރޮމާރިއޯ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން ބަލިވެ ބްރެޒިލް މުބާރާތުން ވަކިވާން ޖެހުމުން އެ ގައުމުގެ ސަޕޯޓަރުން އަދިވެސް ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.
މިއީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ގަދަ 16 ގެ މަރުހަލާއިން ބްރެޒިލް ކެޓި ފުރަތަމަ ފަހަރެވެ.
އަންޗެލޮޓީގެ ކުޅުމުގެ ވައްޓަފާޅިއާ މެދު އެންމެ ބޮޑަށް ފާޑު ކީ އެކަކީ 1994 ގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އޭރުގެ ފޯވާޑް ރޮމާރިއޯ އެވެ.
ސްކައި ބްރެޒިލަށް ދިން އިންޓަވިއުގައި، އެފަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ރޮމާރިއޯ ބުނި ގޮތުގައި ބްރެޒިލްގެ ހެޑް ކޯޗުގެ މަގާމުގައި އަންޗެލޮޓީއަށް ދެން އިތުރަށް ހުރެވިގެން ނުވާނެ އެވެ.
"އަހަރެން ފެޑަރޭޝަނުގެ އިސްވެރިޔަކަށް ހުރި ނަމަ، ޗޭންޖިން ރޫމަށް ވަދެ އޭނާ ކައިރީ ކަލޭ ދާށޭ ބުނެ. އެތަނުން އެވަގުތުން އެވަގުތަށް އޭނާގެ ކޮންޓްރެކްޓް އުވާލީމުސް،" ރޮމާރިއޯ ބުންޏެވެ.
"ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަކީ ލަދުވެތި މެޗެއް. އަހަރެންނަމަ އޭނާގެ މައްސަލަ ކޯޓަށް ވެސް ވައްދާނަން. އޭގެ ފަހުން ވާނެ ގޮތެއް ބަލަމާ، އެކަމަކު އޭނާއަކަށް ދެން ނުހުރެވޭނެ."
ކުޅުން ހުއްޓާލި ފަހުން، ސިޔާސީ ދާއިރާގައި ވެސް އުޅުނު ރޮމާރިއޯ ބުނީ ދަނޑުމަތީގައި އަންޗޮލޮޓީ ކުރުވަން ބޭނުންވި ކަމަކީ ކޮބައިކަން އޭނާ އަށް ސާފު ނުވާނެ ކަމަށެވެ.
ރޮމާރިއޯ ބުނީ ބްރެޒިލަށް އުފަން ކޯޗެއް ހުރެ، އެ ލަދުވެތި ނަތީޖާ ކުރިމަތިވިނަމަ، އެމީހަކާ ދެކޮޅަށް މީޑިއާއިން ވެސް ތެދުވާނެ ކަމަށެވެ.
"އެކަމަކު ކަލޭމެން [މީޑިއާއިން] ވެސް އޭނާއާ ޖެހުނީމަ އެއްވެސް އެއްޗެއް ނުބުނޭ. ސަބަބަކީ އޭނާއަކީ ގައުމުން ބޭރު މީހަކަށް ވީމަ،" ރޮމާރިއޯ ބުންޏެވެ.
ބްރެޒިލް ކެޓި މައްސަލަ ހޫނުވެ، އަންޗެލޮޓީއަށް ދައުވާކުރަން ރޮމާރިއޯ ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ