ރައީސް ސޯލިހާ ނަޝީދު ވިދާޅުވި ނަމަވެސް އެމްޑީޕީގެ ނިންމުން ބަދަލު ނުވާނެ ކަމަށް ވިދާޅުވި: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާތަކަށް ވާދަ ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމި ނިންމުން ބަދަލު ކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް އެ ނިންމުން ބަދަލެއް ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ގާސިމް ވަނީ އެހެން ޕާޓީތަކާ ގުޅިގެން މަޖިލީސް އިންތިހާބުގައި ވާދަ ކުރަން ޖޭޕީން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ގާސިމް ވިދާޅުވީ، އޭނާ ބޭނުންފުޅުވީ، ރިޔާސީ އިންތިހާބުގެ ކުރީން ކޯލިޝަންގެ ލީޑަރުންގެ މެދުގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަ ކުރާނެ ވަކި ދާއިރާތަކެއް ބަހާލައިގެން ވާދަކުރަން ކަމަށެވެ. ނަމަވެސް، މައްސަލަ ޖެހުނީ ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީން ނިންމި ހިސާބުންނެވެ. އޭނާ ވިދާޅުވީ، ކުރީން ވެސް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަ ކުރާ ވާހަކަ ދެކެވުނު ކަމަށެވެ. އެހެން ނަމަވެސް، އެހެން ނިންމާނެ ކަމަށް ހީ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. "ދެން ފަހުން، ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު މިތަނަށް ވަޑައިގެން ބޭފުޅުން ކޮޅެއް އަޅުގަނޑުމެންނާ ވާހަކަ ދެއްކި. ދައްކައިގެން އަޅުގަނޑުމެންނަށް ގޮތްތަކެއް ހަމަޖައްސައިގެން ދިޔަ. ވޯޓަށް އެހިއިރު، އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަށް ކަންތައް ކުރެއްވީ. ކޮން ގޮތަކަށްތޯ، އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ނުކުމެ 87، 86 ދާއިރާ އަށް ނުކުމެ ވާދަކުރަން. އެއީ އަހުދާއި ވައުދާ ޚިލާފުވުން. އެ ދިޔައީ އެ ހިސާބުން،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީޕާޓީއަށް ށ.އަތޮޅުންނާއި ދ.އަތޮޅުން މެންބަރުން ތަކެއް ސޮެއިކުރުމައް ބޭއްވި ރަސްމިތްޔާތުގެ ތެރެއިން ގާސިމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް އޭނާ ވިދާޅުވީ، އޭގެ ފަހުން ކޯލިޝަނުގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސް ސާލިހު އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް، ފެނިގެން ދިޔައީ އެމްޑީޕީން 86 ދާއިރާއަށް ކުރިމަތިލާން ޕްރައިމަރީ ބާއްވައި ޓިކެޓު ދޭން ފެށިތަން ކަމަށެވެ. "އެންމެ ފަހުން އަޅުގަނޑުމެން ވެރީންގެ ބައްދަލުވުމުގައި ދެކެވުނު ވާހަކައިގައި އަޅުގަނޑުމެންގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ތިމަންނާ ބޭނުންފުޅު ވަނީ ހުރިހާ ޕާޓީތަކުންވެސް ހުރިހާ ދާއިރާއަކަށް މަސައްކަތް ކުރާށޭ. މަސައްކަތް ކޮށް ނިންމާފައި ތިމަންނާމެން ތިމަންނާމެންގެ ޕާލިމެޓުގައި މަސައްކަތް ކުރާނީއޭ. އެއާ ގުޅިގެން އަޅުގަނޑުމެންގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ތިމަންނާއާ މުހައްމަދު ނަޝީދާ ދެ މީހުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގޮސް މި ގޮތް ބަދަލުކޮށްދޭން އެދުނަސް ނުކޮށްދޭނެއޭ. އެހެންވީމާ އެހިސާބުން އަޅުގަނޑު ދެންނެވިން އެހެންތޯއޭ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އެއްބަސްވުމާ އެއްގޮތަށް ދާށޭ،" ގާސިމް ވިދާޅުވީ، އެގޮތަށް ވާދަ ކުރަން ޖެހިއްޖެ ނަމަ ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި އަނެއްކާވެސް ކޯޅުން ބޮޑުވެ މައްސަލަ ޖެހޭނެ ކަމަށް އޭނާ އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ. ގާސިމް ރޭ ވަނީ ޕްރައިމަރީ ބޭއްވި ދުވަހުގެ ރޭ އޭނާ ކުރެއްވި ޓްވީޓާ ގުޅިގެން ވެސް ވާހަކަ ދައްކަވާފަ އެވެ. "ސުވާލަކީ މިހާރު އެބައޮތްހޭ އިތުރަށް ރޫޅާލާކަށް[ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް]؟ މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާ އަހުދާ ހިލާފުވީ ނޫންތޯ.؟" ގާސިމް އެ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ. އެ ޓްވީޓާ ގުޅިގެން ގާސިމް ވިދާޅުވީ، އެ ޓްވީޓުގައި އޭނާ ކުރެއްވީ ސުވާލެއް ކަމަށެވެ. އޭގެ މާނަ އަކީ ކޯލިޝަން ޕީޖީ ގްރޫޕެއް ނެތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުރީން އެއްބަސްވި ގޮތަށް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ވި "ވައިދާއި އަހުދު"ގައި ދެމި އޮންނަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، އެކަން އެގޮތަށް ކުރާނީ އެހެން ފަރާތްތަކުން ވެސް ވި ވައުދާ އެއްގޮތަށް ކަންތައް ކުރާ ކަމަށް ވާ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ