ތަހުގީގާ މެދު ހިތްހަމަޖެހޭ، ރިޟްވާނަށް ވީގޮތް ހޯދޭނެ: ސުއޫދު

އޮގަސްޓު 19 އަށް ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މޯލްޑިވްސް އިންޑެޕެންޑެންޓުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާނަށް ވީގޮތެއް ހޯދޭނެ ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކޮމިޝަންގެ މެމްބަރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ރައީސުލް ޖުމުހޫރިއްޔާ އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ކުޑަ މައުލޫމާތުކޮޅެއް، ޓުވީޓެއް މެދުވެރިކޮށް ސުއޫދު އާންމުކުރަމުން ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
އަދި ރިޟްވާނަށް ވީގޮތް ކޮމިޝަނަށް ހޯދޭނެ ކަމާމެދު ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށް ސުއޫދު ވިދާޅުވިއެވެ. ގެއްލިފައިވާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ރިޟްވާނުގެ އާއިލާއިން ބުނެފައިވަނީ އަދިވެސް އުއްމީދު ކުރަނީ ހެޔޮ ހާލުގައި ރިޟްވާން އާއިލާއާ ބައްދަލުވާނެ ކަމަށް ކަމަށެވެ.
ސުއޫދު ވަނީ ތަހުގީގު ކޮންމެ ގޮތަކަށް ކުރިޔަސް، ގެއްލުވާލި އަދި މަރާލި މީހުންނަށް މިހާރު ޝަރުއީ ނިޒާމު އޮތް ގޮތުން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. ފަނޑިޔާރުގެއަށް ގޭންގުތަކުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށް ވިދާޅުވުމުން، ޖޭއެސްސީން މިހާރު އެކަން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ސުއޫދު އިތުރަށް ވިދާޅުވީ ތަހުގީގުތަކަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި މައުލޫމާތު ހޯދަން ހާޒިރުކުރާ ފަރާތްތަކުގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.
ރިޟްވާނު ގެއްލުވާލި މައްސަލައިގެ އިތުރުން، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާއި ރިޟްވާނުގެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލަވެސް އިތުރު މައްސަލަތަކާއެކު ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ