ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިއްޔެ ބޭއްވި ގައުމީ ޖަލްސާ ނުވަތަ އެ ޕާޓީގެ ކޮންގްރެސްގައި ނިންމި ނިންމުންތައް ބާތިލުކޮށް ދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ބާނީ ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ބުނެފި އެވެ.
ނޫސްވެރިންގެ ބައިވެރިވުމެއް ނެތި ކުއްލި ގޮތަކަށް އިއްޔެ ބެއްވި ކޮންގްރެސްއާ ގުޅިގެން އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ތެރޭގައި ބާއްވާ ހުރިހާ އިންތިހާބެއްވެސް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށެވެ. އަދި ޕާޓީގެ އެހެނިހެން ގުނަންތަކާއި އާންމު މެމްބަރުންގެ ފަރާތުން ޖަލްސާގައި ބަހުސް ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ޖަލްސާގައި ހިމަނާ ތާވަލުކުރުމަށް ކައުންސިލަށް ފޮނުވުމަކީވެސް އިންތިހާބީ ކޮމިޓީގެ ޒިންމާއެއް ކަމަށެވެ. ޕީޕީއެމުގެ އަސާސީ ގަވާއިދުގައިވާ ގޮތުން މަގާމު ތަކަށް އިންތިހާބު ވެވަޑައިގަންނަވާ ބޭފުޅުން ހޮވުމަކީވެސް އިންތިހާބީ ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ދާން ޖެހޭ ކަންތައްތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެހެންނަމަވެސް އިއްޔެ ބެއްވި ޖަލްސާގައި ޕީޕީއެމުން 2013ގައި ބެއްވި ޖަލްސާގައި އިންތިހާބު ކޮށްފައިވާ އިންތިހާބީ ކޮމިޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބީ ކޮމިޓީގެ ބައިވެރިވުމެއް ނެތި ކުރިއަށް ގެންދިޔަ މި ޖަލްސާގައި ނިންމި ނިންމުން ތަކާއި ބޭއްވި އިންތިހާބުތަކަކީ ސައްހަ އިންތިހާބުތަކެއް ކަމަށް ނުދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރަށް ގަވާއިދާ ހިލާފަށް މި ޖަލްސާ ކުރިއަށް ގެންގޮސްފައި ވާތި އެކަމުގެ ޝަކުވާ އިންތިހާބީ ކޮމިޓީއަށް ލިބެމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެގޮތުން ޕާޓީގެ ގިނަ ގޮފި ތަކަށް ޖަލްސާ ބާއްވާކަން އަންގާފައި ނުވާ ކަމާއި ޖަލްސާގައި އެ ގޮފިތައް ބައިވެރިކޮށްފައި ނުވާ ކަމުގެ ޝަކުވާ ގޮފިތަކުގެ ރައީސުން ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
ޕާޓީގެ ގޮފިތަކާއި މެމްބަރުންނަށްވެސް ނާންގާ އިންތިހާބީ ކޮމިޓީގެ ބައިވެރިވުމެއް ނެތި އަސާސީ ގަވާއިދާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ ކޮންގްރެސްގައި ނިންމި ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެމްއާރުއެމުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ކޯޓަށް ދާން ނިންމައި ނެރުނު ބާޔާނުގައި ސޮއި ކޮށްފައި ވަނީ ޕީޕީއެމުގެ އިންތިހާބީ ކޮމިޓީގެ މެމްބަރުން ކަމަށްވާ އަހުމަދު ޝުޖާއު އާއި އިބްރާހިމް އަފުރާތާއި އަލީ ރަޝީދެވެ.
އެމްއާރުއެމުން ކޯޓަށް ދާން ނިންމައި މި ބަޔާން އާންމުކޮށްފައި ވާއިރު ކޮންގްރެސް ބޭއްވުމުގެ އެއް ދުވަސް ކުރިން، ކޮންގްރެސް ހުއްޓުވާ ދިނުމަށް އެދި ޕާޓިގެ ބާނީ އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވަނީ ސިވިލް ކޯޓަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ޔުމްނާގެ މި ހުށަހެޅުމަށް ސިވިލް ކޯޓުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ ބާއްވާފައިވަނީ އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި، ޕާޓީގެ މުއައްސިސް އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ހުކުމްކޮށް ޖަލުގައި ބަންދުކުރައްވާފައެވެ. މި ސަބަބުތަކަށްޓަކާ ޕީޕީއެމުން ބެއްވި ކޮންގްރެސް އަކީ ސައްހަ ކޮންގްރެސް އެއް ނޫން ބުނެ ގިނަ ސިޔާސީ ބޭބޭފުޅުން ދަނީ ފާޑު ކިޔަމުންނެވެ.
އެހެންނަމަވެސް އެއްވެސް ދަތި އުންދަގުލެއް ނެތި ޕާޓީގެ ގަވާއިދުތަކާ ހިލާފަށް އަވަސް އަރުވާލައިގެން އިއްޔެ ކުރިޔަށް ގެންދިޔަ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސަކަށް އެޕާޓީގެ މުސްތަޝާރުގެ މާގަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިޚާބުކޮށްފައެވެ. މީގެ އިތުރަށް ނާއިބުރައީސްގެ މަގާމަށް އާޒިމާ ޝަކޫރާއި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ އިންތިޚާބުކޮށްފައެވެ. އަދި މީގެ އިތުރަށް އަދި ކައުންސިލް މެމްބަރުން އިންތިހާބުކޮށް އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
ޕީޕީއެމް ކޮންގްރެސް ބާތިލުކޮށްދިނުމަށް އެދި މައުމޫން ރީފޯމް މޫވްމަންޓުން ކޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ