މޫސުން ގޯސް، ރައްކާތެރިވުމަށް ޑިޒާސްޓާއިން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވިއްސާރަ ކުރަމުންދާތީ ރައްކާތެރިވުމަށް ޑިޒާސްޓާ މެނޭޖްމަންޓުން އިލްތިމާސްކޮށްފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހި ފެންބޮޑު ވެފައިވަނީ ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ލ އަތޮޅަށް ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގައި ހިފައި ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓް ލިބިފައިވާކަމަށް އެ ސެންޓަރުން ބުނެއެވެ. އެސެންޓަރުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެސެންޓަރުން އިލްތިމާސްކުރިއެވެ.
މިހާރު ކުރަމުން ދާ ވިއްސާރައިގައި ނެރިފައިވާ ޔެލޯ އެލާޓާއި ގުޅިގެން ރަށްރަަށުގެ މޫސުން ހުރިގޮތް މޮނިޓަރ ކުރަމުން ދާކަމުގައިވެސް ޑިޒާސްޓާއިން ބުނެއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވާނެ ކަމަށާއި، އެކި ހިސާބުތަކުގެ ހާލަތު ގާތުން ބަލަމުންދާކަމަށް ވެސް އެސެންޓަރުން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ އުތުރާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ