ފުލުހަށް ހާޒިރުކުރީ އޭސީސީއާ ހަވާލުކުރި ފައިސާ ޖަމާކުރި ގޮތާ މެދު ސުވާލުކުރަން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެވަނަ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އޭސީސީއާ ހަވާލުކުރި ފައިސާ ޖަމާކޮށްފައިވާ ގޮތާ މެދު ސުވާލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ބީއެމްއެލްގެ ކްރޮސް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާނީ އެކަން ކުރުމާ ގުޅޭގޮތުން އޭސީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެ އެއްބަސްވުމަކީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއް ކަމަށާއި، ފައިސާ ޖަމާކޮށްފައިވަނީ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.އޭގެ ފަހުން މިއަދާ ހަމައަށް ދިގު މުއްދަތެއް ވޭތުވެފައިވާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ، ފައިސާ ޖަމާކުރި ގޮތާ މެދު އޭސީސީން ސުވާލުތަކެއް ކުރަން ހުރިނަމަ، ސުވާލު ކުރަން ވީ މިއަދު ނޫން ކަަމަށާއި އެކަން ކުރަން ދިގު މުއްދަތެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވެސް ޤާނޫނު ނަގަހައްޓާ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނެވީ އެމަނިކުފާނު ކަމަށާއި އެމަނިކުފާނު ގޯހެއް ހައްދަވާފާނެ ކަމަށް ހީކުރުމަކީ ވެސް ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ހަމައެއާއެކު ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާއަކީ އެމަނިކުފާނަށް އަތްޕުޅު ލެވޭ ގޮތަށް ވެސް ހުރި ފައިސާއެއް ނޫން ކަމަށާއި އެމަނިކުފާނުގެ އެކައުންޓެއްގައި ވަކި އަދަދަކަށް ފައިސާ ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. މީގެ ސަބަބެއް ކަމަށް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ މަޤާމުގައި ހުންނެވި ބޭފުޅަކަށް ވުމުގެ އިތުރުން، ކެމްޕޭނު ކުރުމަށްޓަކައި މިހާރު ވެސް ފައިސާ ހޯދަމުންދާތީ ކަމަށެވެ. އަދި ކުރު ގޮތަކަށް ދަންނަވާނަމަ، އޭސީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ހުންނާނީ ޖަމާކޮށްފައި ކަމަށާއި، އެ ފައިސާއަކީ މިހާރު ވެސް އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.އޭސީސީން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރު 01:30 ގައެވެ. އަދި ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު ހަތަރު ގަޑިއިރު ފަހުން އެމަނިކުފާނު ނިކުމެވަޑައިގެންނެވިއިރު، އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ