އިމާރާތް ކުރަމުން ދިޔަ ގެއަކުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މަރުވި އުމުރުން ހަތް އަހަރުގެ ކުއްޖާގެ އާއިލާއާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައިފިއެވެ.
އިއްޔެ ހެނދުނު ހިނގި ހާދިސާގައި ސިމެންތި ބަސްތާއެއް ވެއްޓުނީ، އުމުރުން ހަތް އަހަރުގެ ބަނގުލަދޭޝްއަށް ނިސްބަތްވާ ރޯޝަން ޖިއަން ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ބޮލަށެވެ. ހާދިސާގައި ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.
އެ ކުއްޖާގެ އާއިލާއާ ބައްދަލު ކުރައްވާ ފޮޓޯއަކާއެކު މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި ކުއްޖާގެ މަރުވި ހަބަރާއެކު ހިތާމަ ކުރައްވާ ކަމަށެވެ. އަދި އާއިލާއަށް ލިބުނު ބޮޑު ގެއްލުމުން އަރައިގަތުމުގެ ހިތްވަރު ދެއްވުމަށް އެދި ދުވާ ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޖިއާން އަކީ، ފ. އަތޮޅުގެ ރަށެއްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރެއްގެ ދަރިއެކެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ޗުއްޓީއަށް މާލެ އައިސް އުޅެނިކޮށެވެ. އޭނާގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިންނެވެ. އެ އިމާރާތުގެ މަސައްކަތްކުރަމުން ދިޔައީ ޑަބްލިޔު ކޮންސްޓްރަކްޝް ކުންފުނިންނެވެ.
އެ ހާދިސާ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، ސިޓީ ކައުންސިލުން ވަނީ، ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނިން މަސައްކަތް ކުރީ އެކަމުގެ ހުއްދަ ނުނަގާ ކަމަށެވެ.
އެހެންކަމުން އެކަމުގައި އެ ކުންފުނި ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައިވާތީ، އެ ކުންފުނީގެ ހުރިހާ ހުއްދައެއް ހިފަހައްޓައި ލައިސަންސް ވެސް ވަގުތީ ގޮތުން ވަނީ ހިފަހައްޓައިފައެވެ.
އަދި ސިޓީ ކައުންސިލުން މިހާރު ވަނީ އިމާރާތް ކުރުމުގެ މަސައްކަތަށް އެ ކައުންސިލުން ދޭ ހުރިހާ ހުއްދަތައް ދޫކުރުން މަޑުޖައްސާލައި، ކޮންސްޓުރަކްޝަން ސައިޓުތައް ބެލުމުގެ މަސައްކަތް ފަށައިފައެވެ. އަދި އެފަދަ ތަންތަން ފާހަގަކުރުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައިވެއެވެ.
ނިޔާވި ކުއްޖާގެ އާއިލާއާ މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ