އިންޑިއާ އިން ދިން ކްރެޑިޓް ފެސިލިޓީ ބޭނުންކުރާނީ ދަރަނި ބޮޑު ނުވާ ގޮތަށް: އަމީރު

ލޯނާއި ކްރެޑިޓް ފެސިލިޓީގެ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް ހަމަޖައްސައިން 1.4 ބިލިއަން ޑޮލަރު ބޭނުން ކުރާނީ ދަރަނި ބޮޑު ނުވާނެ ގޮތަކަށް ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި މިއަދު ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ހަމަޖައްސައިދިން ލޯނާއި ކްރެޑިޓް ފެސިލިޓީގެ ތެރޭގައި ހިމެނެނީ ދިވެހި ސަރުކާރުން ރާވާ ހިންގާ މަޝްރޫއުތަކަށް ހަމަޖައްސައިދޭ 800 މިލިއަން ޑޮލަރާއި، ކަރެންސީ ސްވެޕްގެ ގޮތުގައި ހަމަޖައްސައިދޭ 400 މިލިއަން ޑޮލަރާއި، ދިވެހި ދައުލަތުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރެވެ.
އަމީރު ވިދާޅުވީ 800 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރުން މަޝްރޫއުތަކެއް ރޭވުމަށްފަހު އިންޑިއާ ސަރުކާރަށް ހުށަހެޅުމުން ކޮންމެ މަޝްރޫއަކަށް ބޭނުންވާ ފައިސާ ވަކިވަކިން ހަމަޖައްސައިދޭ ގޮތަށް އިންތިޒާމު ކުރެވިފައިވާ އަދަދެއް ކަމަށެވެ. ކަރެންސީ ސްވެޕްގެ ގޮތުގައި ހަމަޖައްސައިދީފައިވާ 400 މިލިއަން ޑޮލަރަކީ ފައިސާ ނަގަން ޖެހިއްޖެ ހާލަތެއްގައި މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ބޭނުންކުރެވޭ ގޮތަށް ހަމަޖެއްސި ފައިސާ ކަމަށެވެ. އަދި ބަޖެޓް ސަޕޯޓަށް ހަމަޖައްސައިދިން 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށާއި ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި މިފައިސާ ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. ބާކީ 150 މިލިއަން ޑޮލަރު ޓްރެޝަރީ ބޮންޑްގެ ގޮތުގައި ހަމަޖެއްސި ފައިސާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓް ސަޕޯޓަށް ދިން ފައިސާއަކީ ފަހުން ނަމަވެސް ހިލޭ އެހީ އަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އިންޑިއާ އިން ލިބުނު ލޯނަކީ 1.5 ޕަސަންޓްގެ އިންޓަރެސްޓް ރޭޓުގައި ދެ އަހަރު ދުވަހުން ދައްކާ ގޮތަށް ހަމަޖައްސައިދިން ސްކީމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހި ދައުލަތުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 25 މިލިއަން ޑޮލަރު ނުވަތަ 385.5 މިލިއަން ރުފިޔާ މިދިޔަ ހަފްތާގެ ތެރޭގައި ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ