ޤާނޫނީ ވަކީލުންގެ ހުއްދަ ބާތިލް ނުވާ ގޮތަށް މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ޤާނޫނީ ޚިދުމަތުގެ ބިލު ބަދަލު ކުރަން ނިންމާފައިވާ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިހެން ވިދާޅުވެފައި މިވަނީ ބިލުގައި ވަކީލުންގެ ހުއްދައާ ގުޅޭގޮތުން އޮތް އޮތުމަށް ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ބިލު އޮތީ ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރާއިރު ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ވަކީލުންނަށް ނުވެވޭ ގޮތަށެވެ.
ޤާނޫނީ ޚިދުމަތުގެ ބިލުގައި މިހާރު ބުނެފައިވަނީ ގާނޫނީ ހިދުމަތުގެ ބިލު ފާސްވެ ގާނޫނަކަށް ވާ ފަހުން ތިން އަހަރު ދުވަހުގެ ތެރޭގައި ބާ އެސޯސިއޭޝަނުން އެކްރެޑިޓް ކޮށްފައިވާ ކަރިކިއުލަމަކާ އެއްގޮތަށް ގާނޫނީ ވަކީލު ކަމުގެ ފުރަތަމަ ޑިގްރީ ޙާޞިލް ކުރަންޖެހޭނެ ކަމަށެވެ.
ބިލުގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ އާ ކޮށްދޭނީ ޤާނޫނީ ވަކީލުކަމުގެ ސަނަދު ނުވަތަ މުޙާމީ ކޯހުގެ ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ނުވަތަ ޝާރީއާއިން ލޯއިން ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހަދާފައިވާ ފަރާތްތަކަށެވެ.
ބަންޑާރަ ނާއިބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާ ގޮތަށް އެ ބިލް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހެޅުއްވި މި ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.
ވަކީލުންގެ ހުއްދަ ބާތިލް ނުވާ ގޮތަށް ގާނޫނީ ޚިދްމަތުގެ ބިލް ބަދަލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ