އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގެ ހުކުމްތަކަށް ބޯނުލަނބައި، ދީނުގެ ހަރާމްކުރައްވާފައިވާ ކަންތައްތައްކޮށް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ އަނިޔާވެރިވެ ވެރިއަކަށް ގައުމުގެ ވެރިކަމުގައި ނުހުރެވޭނެކަން ރައްޔިތުން އަންގާދީފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވީޓިވީ މެދުވެރިކޮށް ރައްޔިތުންނަށް ވިދާޅުވީ ގައުމުގައި މިއަދު ހިނގައިދިޔަ ކަންތައްތަކަކީ ވަރަށް ރަނގަޅަށް ދަސްކުރަން ޖެހޭ ފިލާވަޅެއް ކަމަށެވެ. އެ ފިލާވަޅަށްޓަކައި މައުމޫން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، މަރުހަބާ ދަންނަވައިފަ އެވެ.
މައުމޫންގެ ވާހަކަފުޅުގައި ރައްޔިތުންނާއި ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ނަޝީދު އިސްތިއުފާދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ވެސް މަރުހަބާ ދެންނެވި އެވެ.
ރާއްޖޭގެ ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވި ނަމަވެސް އެމަނިކުފާނަށް ދޭން ޖެހޭ ގަދަރާއި އިހްތިރާމް ވެސް ދޭން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އަށް ސަލާމަތްތެރިކަން އަޅުގަނޑުމެން ދޭން ވާނެ. އެއްވެސް މީހަކާ ދޭތެރޭގައި އަޅުގަނޑުމެން ބޭއިންސާފުން އަމަލުކޮށްގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށް ވިދާޅުވެ މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ އާއިލާ ބޭފުޅުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށްވުމާ އެކު އިހްތިރާމް ދޭން ޖެހޭނެ ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެއްވެސް މީހަކަށް އަނިޔާވެރިވެ ބަދަލު ހިފާ ބަޔަކަށް ވެގެން ނުވާނެ އެވެ. އެންމެން ވެސް ބޭނުން ވަނީ ދީން ހިމާޔަތްކޮށް، އަމާންކަމާ އެކު އުޅެން ބޭނުންވާ ބައެއް ކަމަށާއި އެގޮތަށް ހުރިހާ އެންމެން ވެސް އަމަލުކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
މައުމޫން ވިދާޅުވީ ސަރުކާރުން އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކޮށް ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވާތީ، އެމަނިކުފާނަށް ނިސްބަތްކުރައްވައި މައުމޫން ވިދާޅުވީ ނައިބު ރައީސް ގައުމާ ހަވާލުވެވަޑައިގަންނަވަނީ ވަރަށް މުހިއްމު ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން އިސްލާމް ދީނާއި ގާނޫނު އަސާސީގައި ހިފަހައްޓައި ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ދީނަށް ފުރައްސާރަކޮށް، އަނިޔާވެރި ވެރިކަމެއް ނުކުރެވޭނެކަން ރައްޔިތުން އަންގައިދީފި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ