ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި ފަރެސްމާތޮޑާ މެމްބަރު މުއްތޮލިބާ ފުލުހުން ސުވާލުކޮށްފި

ރިޝްވަތު ހިއްޕެވިކަމުގެ ތުހުމަތުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބު ފުލުސް އޮފީހަށް ހާޒިރުކޮށް އިއްޔެ ސުވާލުކޮށްފި އެވެ.
މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުއްތޮލިބު މިއަދު ވިދާޅުވީ އިއްޔެ މެންދުރު ދޭއް ޖަހަން އުޅެނިކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާއާ ސުވާލު ކުރެއްވީ ރިޝްވަތުގެ މައްސަލައެއްގައި ކަމަށެވެ. އެހެން ނަމަވެސް އޭގެ ތަފުސީލު ނުދެއްވާތީ ނިންމެވީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވަން ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މުއްތޮލިބު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ވަޑައިގެންނެވީ އޭނާގެ ގާނޫނީ ވަކީލާ އެކުގައި ކަމަށެވެ.
"އަޅުގަނޑު ނޯންނާނެ ރިޝްވަތުގެ އެއްވެސް އަމަލެއް ހިންގާފައި. އަޅުގަނޑު ނޯންނާނެ ރިޝްވަތުގައި ހިފައި އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި. އަޅުގަނޑު ފުލުސް އޮފީހުގައި ދެންނެވިން މި ކަހަލަ ތުހުމަތުގައި އަޅުގަނޑު ހާޒިރު ކުރުމުގެ ކުރިން އެހެން ބޭފުޅުން ވެސް ހާޒިރު ކުރައްވައި ސުވާލު ކުރައްވަން ވާނެ ކަމަށް،" މުއްތޮލިބު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތަހުގީގު ކުރާ މައްސަލައެއްގައި ސުވާލު ކުރުމަށް މުއްތޮލިބު އިއްޔެ ފުލުސް އޮފީހަށް ހާޒިރު ކުރެއްވި ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ