ކްލަބު ޖަމިއްޔާތަކަށް ބަޖެޓުން ފައިސާ ލިބޭ ގޮތްވޭތޯ މަސައްކަތްކުރާނަން: ރައީސް ނަޝީދު

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ ގޮތަށް ދައުލަތުގެ ބަޖެޓުން ކްލަބު ޖަމިއްޔާތަކަށް، ފައިސާ ލިބޭނެ ގޮތްވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކްލަބު ޖަމިއްޔާތަކުގެ ފޯރަމް ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ފައިސާގެ އިތުރުން ޖަމިއްޔާތަކުގެ ވިސްނުމާއި އަމާޒާއި ދެގޮތެއްނުވުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅުމާއި މަސައްކަތުގެ ރަނގަޅު އަޚްލާގެއް އުފެއްދުން ފަދަ މަސައްކަތެއް ކުރެވިގެން ނޫނީ ދާން ބޭނުންވާ މަންޒިލަށް ދިއުމަށް އުނދަގޫވާނެ ކަމަށެވެ.
ތަރައްގީގައި ކްލަބު ޖަމިއްޔާތަކުގެ ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުގެ ހިއްސާ ނެތި އަޅުގަނޑުމެން އުންމީދުކުރާ ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކުގައި އަދި ރާއްޖެ ކުރިއަށް ގެންދިޔުމުގައި، ޖަމިއްޔާތަކަށް ބައިވެރިވެވޭނެ ގޮތްތަކާއި އެ ކަންކަމުގައި ހަރަކާތްތެރިވެވޭނެ އިންތިޒާމްތައް މިހާރަށްވުރެ ފުރިހަމަކުރުމަކީ މި ވަގުތު ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ފެށިފައިނުވާ ވަރަށް ތަރައްގީގެ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
"މިދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ހިންގުނުހާ މަޝްރޫއުގެ ފައިސާގެ އަދަދަށްވާ ވަރަށް (މަޝްރޫއުތައް) އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި ފެށިގެންދާނެ. އޭގެ ތެރޭގައި 50 އެތައް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އިރާދަކުރެއްވިޔާ މި އަހަރުގެ ތެރޭގައި ފަށައިގަނެވޭނެ."
ރައީސް ވިދާޅުވީ މި މަޝްރޫއުތައް ހިންގަން އޮތީ ހަމައެކަނި ސަރުކާރު ކަމަށް ވަންޏާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާތައް ނުނެރެވޭނެ ކަމަށެވެ.
މި ހަފްލާގައި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ވިދާޅުވީ ވޭތުވިޔަ ދެތިން ހަތަރު އަހަރަށް ބަލާއިރު ކޮންމެ އަހަރަކު ވެސް 150 ކްލަބް ޖަމިއްޔާ ރަޖިސްޓްރީކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް 1100 ޖަމިއްޔާއެއް އޮތް އިރު ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިނގަމުން އަންނަނީ 300 ވަރަކަށް ޖަމިއްޔާކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު އެތައް ޖަމިއްޔާއެއް ގާނޫނާއި ގަވާއިދާ ހިލާފުވެގެން އުވާލަން އެބަޖެހޭ. މިއީ މައްސަލައެއް،" މިނިސްޓަރު ވިދާޅުވި އެވެ. "...ގާނޫނާއި ގަވާއިދަށް ގެންނަށް ފެންނަ އިސްލާހުތައް ގެނެސްގެން ޖަމިއްޔާތައް ރަނގަޅަށް ހިންގޭނެ ގޮތްތަކަށް ވިސްނައިގެން އަޅުގަނޑުމެން ކުރިއަށްދާން އެބަޖެހޭ،"
ކްލަބު ޖަމިއްޔާތައް ހަރަކާތްތެރިވުމުގައި ދިމާވާ ދަތިތައް ދެނެގަތުމާއި ދިމިގްރާތީ ވެއްޓަކަށް ކުލަބްތައް އަހުލުވެރިކުރުމަށް ހޯމް މިނިސްޓްރީން މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ފޯރަމްގައި 170 ޖަމިއްޔާއެއް ބައިވެރިވެފައިވެ އެވެ. އެ ފޯރަމްގައި ހަތް ކަރުދާހެއްގެ މައްޗަށް ބައިވެރިންގެ މެދުގައި މަޝްވަރާކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ