ފ. ފީއަލީ އޮފީހަށް އެންތަކެއް އަޅައިލި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަތަރު މީހުންނަށް، މައްސަލަ އަނބުރައި ގެންދިއުމަށް ދައުލަތުގެ ފަރާތުން އެދުމުގެ ފުރުސަތު ޖީނާއީ ގާޒީ ބުރާސްފަތި ދުވަހު ދެއްވައިފި އެވެ.
ފީއަލީ އޮފީހަށް 2006 ވަނަ އަހަރު އެންތަކެއް އަޅައިލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ހަތަރު މީހަކަށެވެ. އެއީ ނަރުގިސްވިލާ މޫސާ ޝަހީމަށާއި ހަމަ އެގޭ ހުސެން ނިޔާޒަށާއި މާބުޅާގޭ މުހައްމަދު އާރިފަށާއި މިނިވަންއުފާ ހަސަން އާދަމްގެ މައްޗަށެވެ. ދައުލަތުން ކުރާ ދައުވާގައި ބުނަނީ، 12 އޮކްޓޯބަރު 2006 ގެ ހެނދުނުގެ ވަގުތެއްގައި ނައިލޯނު ގޯނިތަކެއް ފުރައި ރޯ މުގުރާންތަކެއް އަޅައިގެން ގޮސް ރަށު އޮފީހަށް އެ ހަތަރު މީހުން މުގުރާންތައް އަޅައިފައިވާ ކަމަށެވެ. އަދި އޮފީހުގެ އެކި ތަންތަނަށް މުގުރާން އުކައި ރަށު އޮފީހުގެ އިސް ވެރިންނާ ދިމާލަށް ހަޅޭއްލަވައި ހެދި ކަމަށް ވެސް އެ ދައުވާގައި ބުނެ އެވެ. އެމީހުންނަށް ދައުލަތުން ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރުވުމުގެ ކުށުގެ ދައުވާ އެވެ.
ޖިނާއީ ކޯޓުގައި ބުރާސްފަތި ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި، ހއ. ދިއްދޫ އޮފީހަށް މަސް އެޅި މައްސަލައާއި އައްޑޫގައި ހިނގި ހަމަ އެފަދަ މައްސަލައެއް އަނބުރާ ފޮނުވާލައިފައިވާ ކަމަށް ގާޒީ ސައީދު އިބްރާހިމް ވިދާޅުވި އެވެ. އަދި އެންމެނަށް ވެސް ހަމަހަމަ ފުރުސަތެއް އޮންނަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
'އެންމެންގެ މައްޗަށް ހަމަހަމަ ފުރުސަތެއް އޮންނަންވާނީ. ދައުލަތުގެ ވަކީލާ ވެސް އެކަން ނޯޓްކުރަންވާނެ،' ގާޒީ ވިދާޅުވި އެވެ.
ގާޒީ ދެއްވި ފުރުސަތުގެ ބޭނުންކުރައްވާނެ ކަމަށާއި ހޯމަ ދުވަހުގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް އެކަން ހުށަހަޅުއްވާނެ ކަމަށް ދައުވާ ލިބޭ ހަތަރު މީހުންގެ ވެސް ވަކީލު އަބްދުލްމަތީން އަބްދުލްކަރީމް ވިދާޅުވި އެވެ.
ފީއަލީ އޮފީހަށް މުގުރާންތަކެއް އަޅާލި ކަމަށް ވަނީ، ދައުވާ ލިބޭ ހަތަރު މީހުން މަހަށް ދާ ދޯނީގެ ކެޔޮޅު މީހާ ރަށު އޮފީހަށް ހާޒިރުކުރަން އެންގުމުން އެކަމާ ނުރުހުން ވެގެންނެވެ.
ފީއަލީ އޮފީހަށް އެން އެޅި މައްސަލައިގެ ޝަރީއަތް: މައްސަލަ އަނބުރާ ގެންދިއުމަށް އެދުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތްތަކަށް ގާޒީ ދެއްވައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ