މައުމޫން ފޮނުއްވި ހިތާބު ޖަލްސާގައި އާއްމުނުކުރީ ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރުމުން: ޑީއާރުޕީ ހުރާ ގޮފި

ކައުންސިލް އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކ. ހުރާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ފޮނުއްވި ހިތޯބު ރައްޔިތުންނާ ހިއްސާނުކުރީ ހިތްހަމަނުޖެހުންތަކެއް ހުރެގެން ކަމަށް ޑީއާރުޕީ ހުރާ ގޮފިން މިއަދު ބުނެފި އެވެ.
ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ހުރާ ގޮފީގެ ނައިބު ރައީސް އީސާ އަހުމަދު ވިދާޅުވީ، މައުމޫނު އެ ޖަލްސާގައި ރައްޔިތުންނަށް އާއްމުކުރުމަށް ފޮނުއްވި ހިތާބު ކިޔައިނުދިނީ އެ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމާއެކު، އެ ޖަލްސާ އަށް ހުރަސްއެޅުމަށް ވެސް ބަޔަކު މަސައްކަތް ކުރުމުން ކަމަށެވެ. އެ ހިތާބުގައި ޒައީމް މައުމޫނު ވިދާޅުވެފައި ވަނީ އެ މަނިކުފާނު އުފާފާޅުކުރުމުގައި ބައިވެރިވެވަޑައިނުގަތީ، އެ ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާތީ ކަމަށް އެ ގޮފިން ބުނެ އެވެ.
އެ ހިތާބު ރައްޔިތުންނާ ހިއްސާނުކުރީ، ޕާޓީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެގެން ކަމަށް ބުނާ ވާހަކަތައް އެ ގޮފިން ދޮގުކުރި އެވެ. އެ ގޮފިން ބުނީ އެފަދަ އެއްވެސް އެންގެވުމެއް ތަސްމީނު ވެސް އަދި ރޮޒައިނާ ވެސް އަންގަވާފައި ނުވާ ކަމަށެވެ.
"ޖަލްސާ ފެށުނުއިރު ލޯންޗެއްގައި ބަޔަކު އައިސް ހިތްހަމަނުޖެހުން ފާޅުކުރީ. އޭގެ ތެރޭގައި ގިނައީ އަންހެނުން. އެއީ ޑީއާރުޕީގެ ހަރަކާތްތަކުގައި އިސްކޮށްއުޅޭ ބައެއްކަން އަޅުގަނޑު ވަރަށް ހިތާމައާ އެކު ފާހަގަކުރަން،" އީސަ ވިދާޅުވި އެވެ.
އެކަމަކު އެ ޖަލްސާ އަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހުންގެ ތަފްސީލެއް އެ ގޮފިން ނުދެ އެވެ.
ޒައީމް މައުމޫނު ހުރަ އަށް ވަޑައިގެންފި ނަމަ މޫދަށް ވައްޓާލާނެ ކަމަށް އެ ރަށުގެ ރައްޔިތުން ނިންމި ކަމަށް ބުނެ ވެސް ރަށް ބަދުނާމުވާގޮތަށް ވާހަކަތައް ފެތުރެމުންދާ ކަމަށް އީސަ ވިދާޅުވި އެވެ. އަދި ހުރާ ބަދުނާމުވާގޮތަށް އެ ހަބަރު ދިވެހި ޕޯސްޓުގައި ވެސް ޝާއިއުކޮށްފައިވާ ކަމަށާއި އެ ގޮފީގެ މީހުންނަކީ ވަކި ފެކްޝަނަކަށް ތާއީދުކުރާ ބައެއް ނޫން ކަމަށާއި މަސައްކަތް ކުރަނީ ޕާޓީ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުރާގެ ޑީއާރުޕީ ގޮފިން މިއަދު ވަނީ މައުމޫނާ ވެސް ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ޕާޓީގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލައި، އެއްބައިވަންތަކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް އެދިފައިވާނެ ކަމަށް ހުރާ ގޮފިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ