އާސަންދައިގެ ހިދުމަތަށް ފައިސާ ދައްކަންޖެހޭ ބާ؟

އާސަންދައިގެ ނަމުގައި ހެލްތު ސްކީމެއް ކުރީ ސަރުކާރުން ފެށުމުން އެ ނިޒާމްގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް އަމިއްލަ ހޮސްޕިޓަލް ތަކުންނާއި ބައެއް އަމިއްލަ ކުލިނިކް ތަކުންކުން ކޮންމެ އަހަރަކަށް އެއްލަކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ލިބުނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމާއެކު އާސަންދައިގެ ތަފާތު ވަހަކަތައް ދެކެވެމުން އައިސް މިހާރު ވަނީ އެ ހިދުމަތް އަމިއްލަ ހޮސްޕިޓަލުތަކުންނާއި ކުލިނިކްތަކުން ހޯދާނަމަ ވަކި ވަރަކަށް ފައިސާ ނަގަން އާސަންދަ ކުންފުނިން ނިންމާފަ އެވެ.
އާސަންދައިގެ ދަށުން އަމިއްލަ ތަންތަނުން ފަރުވާ ހޯދާއިރު ހިދުމަތަށްއަރާ ޖުމްލަ އަގުގެ ވަކި ޕަސެންޓެއް ހިދުމަތް ހޯދާ ފަރާތުގެ އަތުން ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސުމަށް ފަހު އާސަންދަ ކުންފުނިން ބުނެފައި ވަނީ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސް ނިންމެވުމާ ގުޅިގެން ކަމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި، އިދާރީ ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ކަމަށެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި އަންނަ އޯގަސްޓް މަހުން ފެށިގެން އަމަލު ކުރަން ފަށާ އެ އުސޫލުގެ ދަށުން ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން ހިދުމަތްތަކަށް ނަގާ އަސްލު އަގާއި ތަފާތު އަގު ލިސްޓެއް، އާސަންދަ ކުންފުނިން ކަނޑައަޅައި، ހިދުމަތް ހޯދާ މީހާގެ އަހަރަކަށް ކަނޑައަޅާފައިވާ ފައިސާއިން ދޭނީ އެ އަގުގެވެ. އަދި އާސަންދައިގެ އަގު ލިސްޓަށް ވުރެ ބޮޑުވާ ބައި ދައްކަން ޖެހޭނީ ހިދުމަތް ހޯދާ މީހާ އެވެ. އެއާއެކު އާސަންދައިގެ ދަށުން އަމިއަލަ ކްލިނިކްތަކުން ހިދުމަތް ހޯދޭ ގޮތަށް ބަދަލު އަޔަސް ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިދުމަތްދޭ އުސޫލަށް ބަދަލެއް ނާދެ އެވެ.
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި އޮވެގެން ސަރުކާރުން ނިންމާފައިވާ އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަރުކާރުގެ އެ ނިންމުމަށް ފަހު ސިޔާސީ ބޮލިކަން އިތުރުވެ ރައްޔިތުން މަޖިލީހުގެ މަސައްކަތްތައްވެސް ވަނީ ހުއްޓިފަ އެވެ.
އާސަންދަ ހިދުމަތުން އަގެއް ނަގާކަމަށްވާ ނަމަ މަޖިލީހުގެ ކުރިއަށް ގެންދިޔަ ނުދީ މަޖިލީހުގެ ތަޅުމުގައި އާއި މަޖިލީސް ބޭރުގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފައިވާއިރު އެ ޕާޓީން ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމަކަށް ދައްކާ ވާހަކަތަކެއް ހެއްޔެ އެވެ؟ ނޫނީ އެ ޕާޓީގެ ވެރިކަމުގައި ގެނައި ނިޒާމް ހުއްޓުވުމަކަށް އައިސްދާނެތީ ހަގީގަތުގައި ވެސް ކަންބޮޑުވަނީ ހެއްޔެ އެވެ؟
އެމްޑީޕީން ދައްކާ ވާހަކަތަކަށް ބަލާއިރު އެމްޑީޕީން ބުނަނީ އާސަންދަ ހިދުމަތް ހިލޭ ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެފައިސާ އަކީ ރައްޔިތުން މަޖިލީހުގެ މާލިޔަތު ކޮމެޓީން ކަނޑައަޅާފައިވާ ފައިސާ އެކޭއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ގޮތުގައި މިއަހަރުގެ ބަޖެޓް މިދިޔަ އަހަރު މަޖިލީހުން ފާސް ކުރި އިރު، އާސަންދަ ހިދުމަތަކީ ހިލޭ ދޭންޖެހޭ ހިދުމަތެކެވެ. އާސަންދައަށް ވަނީ ފައިސާ ވެސް ކަނޑައަޅާފަ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މި ކްއާޓާގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ، އިތުރަށް ފައިސާ ލިބިފައިވާ ކަމަށާއި އެވަރަށް ދައުލަތަށް ފައިސާ ވަންނައިރު އާސަންދައަށް ހަރަދު ކުރާނެ ފައިސާ ނެތިގެން ނުވާނެ ކަމަށް ވެސް އިބޫ ވިދާޅުވެ އެވެ.
"އެކަމަކު އަޅުގަނޑަށް މިއަދު އެނގިއްޖެ ދައުލަތުގެ ބަޖެޓަށް އިތުރަށް ނުވަ ބިލިއަން ރުފިޔާ ބޭނުންވެގެން އެބައޮތް މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައި. ނުވަ ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ބުނެފަ އެބައޮތް. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭނެ ކަންތައްތައް. އަދި ތިން ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެ ކަމަށް ވެސް ބުނަފައި އެބައޮތް. އަޅުގަނޑަކަން ނޭނގޭ ކޮންކަންތައްތަކަކަށް ކަމެއް ހަރަދު ކުރަން މިއުޅެނީ،" އެމްޑީޕީގެ އޮފީހުގައި ބޭއްވީ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވި އެވެ.
އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި އާސަންދައަށް ދައުލަތުގެ ބަޖެޓުން 720 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އާސަންދަ ހިދުމަތް ހުއްޓާލައިގެން ނުވާނެ އެވެ. ހިލޭ އާސަންދަ ނުލިބޭނަމަ މުޒާހަރާތަކަށް ނުކުންނަން ޖެހޭނެ އެވެ.
އާސަންދައިން ވަކި ޕަސެންޓެއް ނެގުމަށް ނިންމުމުގެ ކުރީން ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން އާސަންދައަށް ކަނޑައަޅާފައިވާ 720 މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 57 ޕަސެންޓް ހަރަދުކޮށްފައިވާ އިރު 100000ރ. ގެ ކްރެޑިޓް ލިމިޓްގެ 70 ޕަސެންޓް ހަމަވެފައިވާ 319 އަށްވުރެ ގިނަ މީހުން މީހަކު އެބަތިއްބެވެ. އަދި ކްރެޑިޓް ލިމިޓްގެ 50 ޕަސެންޓް 502 މީހެއްގެ ވަނީ ހަމަވެފަ އެވެ.
އާސަންދައިން ވަކި ޕަސެންޓެއް ނެގުމަށް އާސަންދަ ކުންފުނިން ނިންމީ ރާއްޖޭގައި ބޮޑު ބަލިމަޑުކަމެއް ނެތި އާބާދީގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އާސަންދައިން އެވަރަށް ބޭސްފަރުވާ ކުރާ ނަމަ، އާސަންދަ ނިޒާމުގެ މަގުސަދު ހާސިލްވާ މިންވަރާ މެދު ސުވާލު އުފެދޭ ހިސާބުގައި ވަނިކޮށެވެ.
އެމްޑީޕީން ދައްކަމުންދާ ވަހަކަތަކަކީ ސިޔާސީ ބޭނުމަކަށް ދައްކާ ވާހަކަތަކެއް ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ. އެފަދަ ފަރާތްތައް ބުނަނީ އެމްޑީޕީއާ އެންމެ އިދިކޮޅު ޑީއާރުޕީންވެސް މި މައްސަލައިގައި ގެންގުޅެނީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. އާސަންދަ ހިންގުމަށް ރައްޔިތުންގެ އަތުން ވަކި ވަރެއް ނެގުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީ އިން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅުމުން ޑީއާރުޕީން ވަނީ އެކަމާއި ދެކޮޅު ހަދާފަ އެވެ. އެ ޕާޓީންވެސް ގަބޫލު ކުރަނީ އާސަންދަ އަކީ ހިލޭ ދޭންޖެހޭ ހިދުމަތެއް ކަމަށެވެ.
އަދި ސިއްހީ ހިދުމަތަށް އެއްވެސް އަގެއް ރައްޔިތުން އަތުން ނެގިގެން ނުވާނެ ކަމަށާއި އާސަންދައަށް ބަދަލު ގެނައުމަށް ތާއީދު ނުކުރާކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
"ޑީއާރުޕީން ގަބޫލު ކުރާގޮތުގައި ސިއްހީ ހިދުމަތް ދިނުމަކީ އަގެއް ނެގުމަކާ ނުލާ ދައުލަތުން އަދާކޮށްދޭން ޖެހޭނެ އެއްޗެއް. އެނޫން ގޮތަކަށް އެ ނިޒާމް ބައްޓަންވުމަކަށް ޑީއާރުޕީން ގަބޫލުކުރާނެ ކަމެއްނޫން،" ތަސްމީނު ވިދާޅުވި އެވެ.
ނަމަވެސް އަމިއްލަ ތަން ތަނުން ވަކި ވަރަކަށް ފައިސާ ދައްކަން ނިންމާފައިވާފައިވާ ނިންމުމަށް ޑީއާރުޕީން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ގައުމީ ގައުމީ ހެލްތު އިންޝްއަރެންސްގެ ނިޒާމުގެ ދަށުން ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމެއް އޮންނަ ޖެހޭނެ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކޮށްފައިވާ ބަޔަކީވެސް އެ ޕާޓީން ކަމަށެވެ. އަދި ޑީއާރުޕީގެ ވެރިކަމެއް ބޭސްފަރުވާ އަކީ ހިލޭ ފޯރިކޮށްދޭނެ ނިޒާމެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އަދި އަޅުގަނޑުމެންގެ ވެރިމެއްގައި ބޭސްފަރުވާ އަކީ ހިލޭ ފޯރިކޮށްދޭނަން،" މައުސޫމް ވިދާޅުވި އެވެ.
މި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ބައެއް ޕާޓީތަކުން ދެކެނީ އާސަންދަގެ ނިޒާމަށް ގެނައި ބަދަލަކީ ރަނގަޅު ހެޔޮ ބަދަލެއް ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ހަމަ ހަމަ އުސޫލެއްގެ މަތީން އާސަންދަ ނިޒާމް އަމިއްލަ ކުލިނިކްތަކުން ފޯރުކޮށް ދިނުމަށް މި ބަދަލު ގެނަމަށް "މާ ލަސްވެސް ވެއްޖެ" ކަމަށެވެ.
އަދި މިހާރު ގެނައި ބަދަލާއި އެކު އޭގެ އަސަރު ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ޑީޑީ ވިދާޅުވި އެވެ.
"މިހާރު އެ ތައާރަފް ކުރެވުނު އުސޫލުގެ ތެރެއިން ލާފައި އަޅުގަނޑު އުއްމީދު ކުރަނީ އަނެއްކާ ވެސް އަލުން އަނބުރާ ކުލިނިކް ތަކަށް ދެމެހެއްޓެނެވި ގޮތެއްގައި ހަމަ އުސޫލަކުން ޕްރައިވެޓް ކުލިނިކްތަކަށް މަގު ފަހިވެގެންދާނެ ކަމަށް. އަދި އޭގެ ސަބަބުން ބައެއް ފަރާތްތަކުން އާސަންދަގެ ހިދުމަތް ނާޖާއިޒު ގޮތުގައި ހޯދާ ހޯދުމަށްވެސް ކޮންމެވެސް ވަރެއްގެ ނިމުމެއް ކަމަށް އަންނާނެ ކަމަށް،" ޑީޑީ ވިދާޅުވި އެވެ.
އާސަންދަ ނިޒާމަށް ގެނައި ބަދަލާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވަނީ އެއީ ޕްރައިވެޓް ކުލިނިކްތައް ހުއްޓުމަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތް ކަމަށެވެ. ސިޔާސީ ބައެއް ބޭފުޅުން ދެކެނީ ހޮސްޕިޓަލްތަކުންނާއި ކުލިނިކްތަކަށްވެސް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް އޮންނަ ޖެހޭނެ ކަމަށެވެ.
ސަރުކާރު ހިންގަން ތިބި ބޭފުޅުން ދެކެނީ އަމިއްލަ ހުރިހާ ކުލިނިކް ތަކާއި ހޮސްޕިޓަލުން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ ބިލްތައް ދެއްކުމަށް ދައުލަތުގެ ބަޖެޓް ނުކުޅޭދޭ ކަމަށެވެ. އެވަރަށް ދައުލަތަށް ފައިސާ މާލިޔަތަށް ނުވަން ކަމަށެވެ.
ނަމަވެސް ޖީއެސްޓީ ނަމަގައި ރައްޔިތުން އަތުން ފައިސާނެގެމުންދާއިރު ބަދަލުގައި ރައްޔިތުނަށްވެސް ހިލޭ ހިދުމަތެއް ދޭން ޖެހޭނެ ކަމުގެ ވާހަކަ ތަކަކީވެސް އިދިކޮޅު ބައެއް ފަރާތްތަކުން ދައްކާ ރަނގަޅު ވާހަކަތަކެކެވެ.
އެހެން ކަމުން ސިއްހީ ފަރުވާ ދިނުމަށް ރައްޔިތުން އަތުން އަގެން ނެގުމާއި މެދު ސިޔާސީ މިވަނީ ހިޔާލުތައް ކަފިވެފަ އެވެ. ރައްޔިތުން އެކަމުގެ ރަނގަޅު ގޮތަކީ ކޮބައިތޯ ވިސްނަން ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ