އަންނި އަކީ ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

38: 22
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު )އަންނި(، އަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނިގެ ނަން ބަލައިގަތުމަކީ ސައްހަ ނިންމުމެއް ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިރޭ ނިންމަވައިފި އެވެ.
މި މައްސަލަ ނިންމަވަމުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތަށް ބެލިއިރު، ދެ ކަމެއް ފާހަގަކުރެވުނު ކަމަށެވެ. އެ ގޮތުން އަންނިގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުކޮށް ހުކުމްކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ވައްކަމުގެ ކުށް ސާބިތުވި ނަމަވެސް ހުކުމް ކަނޑައެޅޭ ދެ ގޮތެއް އޮންނަ ކަމަށާއި އެއީ ތައުޒީރީ ހުކުމާއި ހައްދުގެ ހުކުމް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އަންނިގެ މައްޗަށް ވައްކަމުގެ މައްސަލައިގައި ޖިނާއީ ކޯޓުން ވައްކަމުގެ ހުކުމެއް އިއްވާފައި ވިޔަސް، އެ މައްސަލައިގައި ވެސް ވައްކަން ކުރި ކަމަށް އަންނި އިއުތިރާފް ވެފައި ނުވުމުގެ އިތުރުން، ވެލާނާގެ ތެރެއިން އަންނި ގެންދިޔަ ކަމަށް ބުނާ ތަކެތި އެ ތަނުން ނެރެގެން ގެންގޮސްފައިވަނީ ސަރުކާރުގެ ކަމާބެހޭ މުވައްޒަފުންގެ ކުރިމަތީގައި ކަން ވެސް ޝަރީއަތަށް ފާހަގަކުރެވިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވައްކަމުގެ ހައްދު ގާއިމުކުރެވެނީ، އެ މީހަކު ވައްކަން ކުރި ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސަރީހަ އިބާރާތުން އިއުތިރާފްވުމުން ނުވަތަ އަދުލުވެރި ދެ ހެކިންގެ ހެކިބަހުން ކަމަށް ވެސް ވިދާޅުވި އެވެ.
މި ނުކުތާތަކަށް ބުރަވާ އިރު، އެ މައްސަލައިގައި އަންނިގެ މައްޗަށް އިއްވާފައިވަނީ ތައުޒީރީ ހުކުމެއް ކަމަށް ވާތީ އާއި އެއީ ހައްދު ކަނޑައެޅިފައިވާ ހުކުމެއް ކަމަށް ނުވާތީ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރުމަށް އަންނިގެ ނަން އިލެކްޝަންސް ކޮމިޝަނުން ބަލައިގަތް ބަލައިގަތުމަކީ ސައްހަ ނިންމުމެއް ކަމަށް ހުކުމްކުރެއްވީ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މިރޭގެ ޝަރީއަތް ނިމުމުން މައްސަލަ ހުށަހެޅި މޫސާ އަންވަރު ސުޕްރީމް ކޯޓުން ނުކުތުމާ އެކު އެ ހިސާބުގައި ތިބި އެމްޑީޕީގެ މެންބަރުން އޭނާގެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ފުލުހުން އެ ދެމެދަށް ވަދެ އޭނާ ހިމާޔަތްކުރުމުން ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި ފުލުހުންގެ ސަފެއްގެ ފަހަތުގައި ހުރެ މޫސާ އަންވަރު ނޫސްވެރިންނާ ވާހަކަ ދެއްކި އެވެ. ނަމަވެސް މަސްރަހު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި، ފުލުހުން ވަނީ އޭނާ އަލުން ސުޕްރީމް ކޯޓުގެ ތެރެއަށް ވައްދައިފަ އެވެ.
ކުރިއަށް އޮތް ރިއާސީ އިންތީޚާބަށް ކުރިމަތިލައްވާފައިވާ އަންނި އަކީ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ބުނެ އަންނިގެ ކެންޑިޑޭސީ ބާތިލުކޮށްދިނުމަށް އެދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގްގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ މެމްބަރު މޫސާ އަންވަރެވެ. އޭނާ މި މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ )ކ(އާ ހަވާލާދީ އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ )ކ( ގައި ބުނެފައި ވަނީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުވެލޭނެ ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ގެކޮޅު (ހ. ވެލާނާގެ) ގައި ހުރި އެއްޗެހިތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކޮށް، 8 ނޮވެމްބަރު 2001 ގައި ޖިނާއީ ކޯޓުން އަންނިގެ މައްޗަށް ވަނީ ވައްކަމުގެ ހުކުމް ސާބިތުވެގެން ދެ އަހަރާއި ހަ މަސްދުވަހަށް އަރުވާލުމަށް ހުކުމްކޮށްފަ އެވެ.
09: 22
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު )އަންނި(، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތުވާ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ދެންމެ ނިންމަވައިފި އެވެ.
(އިތުރު ތަފްސީލް އަންނަނީ،.،)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ