ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ފުލުހުން މިއަދު ހައްޔަރުކުރީ އެއްވެސް ކަހަލަ ސަބަބެއް ނެތި ޣައިރު ގާނޫނީ ގޮތުން ކަމަށް އޭނާގެ ބޭބެ ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން ހައްޔަރުކުރުމާ ގުޅިގެން އެންދެރިމާގޭގައި މިއަދު މެންދުރު ދެއްވި ނޫސްކޮންފަރެންސެއްގައި ފާރިޝް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުން އެންދެރިމާގެ ކައިރިއަށް އެއްވެ، އޭނާގެ ބައްޕަ ދަންސައި އަވަހާރަކޮށްލަން ގޮވައި، ގެއަށް ގެއްލުން ދިން މީހުން ހެއްކާއެކު އެނގެން އެބަހުރި ކަމަށެވެ. އަދި އެކަން ކުރި މީހުން ތިއްބައި ކަމާ ނުގުޅޭ މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށް މައްސަލައެއް ބަލާ ނަމުގައި ހައްޔަރުކުރީ ސިޔާސީ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަން މިކުރި ސަބަބަކީ އެމްޑީޕީ ސަރުކާރުގެ ފަރާތުން އިސްނަގައި މިހާރު މިއުޅެނީ ޖުޑިޝަރީ ވަރަށް ވަރުގަދައަށް ދިމާކޮށްލައިގެން. ބިރުދެއްކުންތަކާއި ސުޕުރީމް ކޯޓު ދޮށަށް އެ ދުވަހު އެއްވި އެއްވުމާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަކީ އެ ބޭފުޅުން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ކަމެއް،" ފާރިޝް ވިދާޅުވި އެވެ. "މިކަންކަން ފޫބައްދަން އައިސް ނިމެނީ ޣައްސާން މައުމޫން ހައްޔަރުކުރުމާ ހަމަޔަށް."
އޭނާ ވިދާޅުވީ އެ ދުވަހު ސުޕުރީމް ކޯޓުދޮށަށް އެއްވެ އެ ކޯޓުގެ ފަނޑިޔާރުންނާ ދިމާލަށާއި މުޅި ޖުޑިޝަރީއާ ދިމާލަށް ވަރަށް ހުތުރު ބަހުން މުހާތަބުކޮށް ހަދާފައިވާ ކަމަށެވެ.
"އެކަންތައްތައް ފޮރުވުމަށް އެންދެރިމާގެ ދޮށަށް އެއްވެ އެންދެރިމާގެއަށް ހަމަލާދީ މިގޭގައި ތިބި ބަޔަކު ނެރެ ދަން ޖައްސައި މަރަން މަސައްކަތްކުރީ،"ފާރިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަހަމަ އުސޫލަކުން ހުރިހާ ރައްޔިތުންނާ މެދު އަމަލުކުރަން ޖެހޭނެ ފުލުހުންނަށް ވެސް ލާޒިމްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޣައްސާން އެއްވެސް އިރެއްގައި ގާނޫނާ ހިލާފުކަމެއްކޮށްފައިނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ޗިޓްތަކަށް އަބަދުވެސް އިޖާބަދީފައިވާނެ ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ.
"މިކަމާދު ކަންބޮޑު ވެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ކޯލްތައް އެބައާދޭ. ރައީސް މައުމޫންގެ ހާލާ މެދު ކަންބޮޑުވެގެން.ދިވެހި ގައުމުގެ ހާލާމެދު ކަންބޮޑުވެގެން ވެސް މީހުން އެބަގުޅާ،" އޭނާ ވިދާޅުވި އެވެ.
ފާރިޝް ވިދާޅުވީ މިހާރު މިހިނގާ ކަންތައްތަކާ މެދު ކަންބޮޑުވާ އެމްޑީޕީގެ މެމްބަރުން ވެސް އެބަތިބި ކަމަށެވެ. އަދި ގާނޫނުގެ ބޭރުން ކަންތައްތައް ކަންތައްތައް ހައްލުކުރަން މަސައްކަތްނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނަޒަރުގައި ޣައްސާން ހައްޔަރުކޮށްފައި އާބިޓަރަރީ އެރެސްޓެއް. އެއްވެސް ސަބަބެއް ނެތި ޣައިރު ގާނޫނީ ގޮތުން،" ފާރިޝް ވިދާޅުވި އެވެ.
ޣައްސާން ހައްޔަރުކޮށްފައި ވަނީ ޣައިރު ގާނޫނީ ގޮތުން: ފާރިޝް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ