އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ: ބޮޑު ތަފާތަކުން ޑރ. މުނައްވަރު ކާމިޔާބު ހޯއްދަވައިފި

އެމްޑީޕީގެ ރައީސަކު ހޮވުމަށް އިއްޔެ މުޅި ރާއްޖޭގައި ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ކާމިޔާބު ހޯއްދަވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ޑރ. މުނައްވަރު ކާމިޔާބު ހޯއްދެވީ 4،492 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 46.01 ޕަސެންޓެވެ. ޑރ. މުނައްވަރާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ހުސެއިން ޒަކީއަށް ވަގުތީ ނަތީޖާއިން ލިބިވަޑައިގަތީ 3،559 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.45 ޕަސެންޓެވެ. ވަގުތީ ނަތީޖާގެ ތިންވަނަ، ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު ރީކޯ މޫސާ މަނިކަށް ލިބިވަޑައިގަތީ 1،154 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 11.82 ޕަސެންޓެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އިންތިހާބުގެ އެންމެ ފުލަށް ވަޑައިގެންނެވީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. މެމްބަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އޭނާއަށް ލިބިވަޑައިގަތީ 445 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 4.56 ޕަސެންޓެވެ.
އެމްޑީޕީގެ ރައީސަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ 24،620 މެމްބަރުން ތިބި ނަމަވެސް ޖުމުލަ ވޯޓުލާފައި ވަނީ 42 ޕަސެންޓް މީހުންނެވެ. އެއީ 9،764 މެމްބަރުންނެވެ. ބާތިލު ވޯޓުގެ ޖުމްލަ އަކީ 114 އެވެ.
އެމްޑީޕީގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ ދަންވަރު 20: 1 ގައި އިންތިހާބުގެ ކޯޑިނޭޓިން ކޮމެޓީގެ ޗެއާމަން އަހުމަދު ޝާހިދު އިއުލާން ކުރެއްވިއިރު ނ. ޅޮހީގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ނަތީޖާ އިއުލާނެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި އެ ފޮށީގެ ނަތީޖާ ވަނީ އިއުލާން ކޮށްފަ އެވެ. އަދި ޅޮހީގެ ނަތީޖާއާ އެކު ފަސް ރަށެއްގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކެއްގެ ވަގުތީ ނަތީޖާ ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެހެންވެ ރޭ އިއުލާން ކުރި ވަގުތީ ނަތީޖާއަށް މިއަދު ވަނީ ބަދަލު އައިސްފައި ކަމަށް އެމްޑީޕީން ބުނެ އެވެ. އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މައިގަނޑުކޮށް، ކޮށްފައި ވަނީ އެ ވޯޓު ފޮއްޓެއް ބަހައްޓާފައި ހުރި ރަށްރަށުގަ އެވެ. އެހެން ނަމަވެސް މަދު ފޮށިތަކެއް ދަރުބާރުގެއަށް ރޭ ގެންދިޔަ މަންޒަރު ފެނިފައި ވެ އެވެ.
ޕާޓީގެ ރައީސަކު ހޮވުމަށް އިއްޔެ މި ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރި ހޯއްދެވި ސ. މީދުއަށް އުފަން ޑރ. މުނައްވަރަށް އެންމެ ގިނައިން ވޯޓު ދީފައި ވަނީ އައްޑު އަތޮޅުގެ ރައްޔިތުންކަން ފާހަގަ ކުރެވުނެވެ. އަދި އޭނައާ އެންމެ ބޮޑަށް ވާދަކުރެއްވި ޒަކީ އަށް އެންމެ ގިނައިން ވޯޓު ދެއްވީ މާލެ އާއި އުތުރު ރަށްރަށުގެ މީހުންކަން ފާހަގަ ކުރެވުނެވެ. ޒަކީއަށް އައްޑު އަތޮޅުން ވޯޓު ދީފައި ވަނީ މަދު ބައެކެވެ.
އިއްޔެ ހެނދުނު 00: 9 އިން ހަވީރު 00: 6 އަށް ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ ޑރ. މުނައްވަރު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ވޯޓުގެ ނަތީޖާތައް އިއުލާން ކުރިއިރު، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ތިބި އެމްޑީޕީގެ މެމްބަރުންނާ މުހާތަބު ކުރައްވައި ޑރ. މުނައްވަރާއި ޒަކީ ވެސް ވާހަކަ ދެއްކެވި އެވެ. ޑރ. މުނައްވަރު ވިދާޅުވީ އޭނާ ކެމްޕެއިން ކުރައްވަމުން ގެންދެވީ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ނާއިބު ރައީސް އިބްރާހިމް ހުސެއިން ޒަކީއާ އެކު މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
"އެހެން ކަމުން އަޅުގަނޑަށް ލިބުނު ވޯޓަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ތިން މީހުންނަށް ލިބުނު ވޯޓެއް. އަޅުގަނޑުމެން ތިން މީހުން އެކުގައި މަސައްކަތް ކުރުމަށް ލިބުނު ވޯޓެއް. އެހެން ކަމުން އަޅުގަނޑަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް އަދި އެމްޑީޕީގެ އެންމެހާ މެމްބަރުންނަށް ޔަގީންކަން އަރުވަން، އަޅުގަނޑު މަސައްކަތް ކުރާނީ އަނެއް ދެ ބޭފުޅުންނާ އެކު ޕާޓީގެ މަގުސަދުތައް ހާސިލު ކުރުމަށް،" ޑރ. މުނައްވަރު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރެވޭނީ އިންތިހާބުގެ ކޯޑިނޭޓިން ކޮމެޓީގެ ޕްރެސް އޮފިސަރު އަދި ބ. ދާއިރާގެ ރައީސް އުބެއިދުﷲ މުއާޒު މިއަދު ވިދާޅުވި ގޮތުގައި ދާއިމީ ނަތީޖާ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ލަފާ ކުރެއްވެ އެވެ.
އޭނާ ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ