ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންނާއި ބަޖެޓު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ސެކްރެޓޭރިއަޓަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ ނިންމުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
އަދުލް އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުން ބުދަ ދުވަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަކީ އެ ކޯޓުގެ ދަށުން ހިންގާ އިދާރާއެއް ގޮތަށް ހަމަޖައްސައި މީގެ ކުރިން ރޫލިންއެއް ނެރެފައިވާނެ ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުގެ ހިންގަން ހަވާލުވެ ތިބި މުވައްޒަފުންނާއި އެމީހުންނާ ހަވާލުކުރާ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޖަވާބުދާރީވާން ޖެހެނޭނީ ވެސް އެ ކޯޓަށް ކަމަށް ރޫލިންގައި ހަމަޖައްސާފައިވާނެ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އެ ގޮތަށް ނިންމަން ޖެހުނު ސަބަބަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދުލް އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުން ޔަގީންކޮށްދިނުން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެ އެވެ.
"މި ނިންމުމަކީ ގާނޫނު އަސާސީއާ ގާނޫނުގެ ސިޔާދަތާއި ރޫލް އޮފް ލޯ ނެގެހެއްޓުމަށާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ރާއްޖޭގައި ޑިމޮކްރެސީ ދެމެހެއްޓުމަށާއި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނާއި މިނިވަން މުސްތަގިއްލު ޖުޑިޝަރީގެ ހައްގުގައި ނިންމާފައިވާ ނިންމުމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދުލް އިންސާފު ގާއިމުކުރުމުގެ ބާރާއި އެ ބާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހަރަކާތްތެރިވާ ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގީއްލުކަން ރައްކާތެރިކުރުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ވާޖިބެއް ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުން ނެރެފައިވާ ރޫލިންއާ ހިލާފަށް ނުވަތަ ފުށުއަރާ ގޮތަށް ކަމަށް ވިޔަސް އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމުމުގެ ހައްގު ގާނޫނު އަސާސީގެ ބާރު ހިނގާ ފަރާތަކަށް އެއީ މުއައްސަސާއެއް ނުވަތަ ފަރުދެއް ވިޔަސް ލިބިގެންނުވާ ކަމަށެވެ.
އެހެންވެ މަޖިލީހުން ނިންނި ނިންމުންތަކަކީ ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ ނިންމުމެއް ނޫން ކަމަށާއި އެ ކަމުގައި އަމަލުކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ރޫލިންއަށް ކަމަށް އަންގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެ އެވެ.
މަޖިލީހުން ގެނައި ބަދަލުތައް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ތަންފީޒެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ