އަންނަ ލޯކަލް އިންތިހާބުގައި ޑީއާރުޕީ އަށް ކެމްޕޭން ކޮށްދެއްވަން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ނުކުމެވަޑައިގަތަސް އެކަމާ ރައްޔިތުން ކަންބޮޑުނުވުމަށް ރައީސް މުހައްމަދު ނަޝީދު ރޭ އެދިވަޑައިގެންފި އެވެ.
މާލޭ ކައުންސިލަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓުން ތައާރަފްކުރަން ވިލިމާލޭގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މައުމޫނާ ކުރިމަތިލެއްވުމަކީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމެއް ކަމަށާއި އަދި އެންމެ ފަރިތައީ ވެސް އެކަމަށް ކަމަށެވެ.
"އަޅުގަނޑު ގާތު ވަރަށް ގިނަ މީހުން އެބަ ބުނޭ ކެމްޕޭން ކުރުމަށް ރައީސް މައުމޫނު ނިކުމެވަޑައިގަންނަވައޭ. އަޅުގަނޑު ދަންނަވާނީ އެމްޑީޕީގެ 50،000 މެމްބަރުންނެއް ނޫނޭ ރާއްޖޭގެ 350،000 މީހުން ވެސް އެކަމާ ކަންބޮޑުނުވާށޭ. އަޅުގަނޑު އެބަ ހުރީމޭ. އަޅުގަނޑަށް އެއަށް ވުރެ ވަކި ފަރިތަ ކަމެއް ނޯންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ކަންތައްތަކާ ދުރުގައި ހުންނެވި ރައީސް މައުމޫން ކައުންސިލް އިންތިޚާބުގައި ޑީއާރުޕީ އަށް ކެމްޕޭންކޮށްދެއްވަން ނުކުމެވަޑައިގަންނަވާނެކަމުގެ ޔަގީންކަން މިވަގުތު މެލޭޝިއާގައި ހުންނެވި މައުމޫނާ ބައްދަލުކުރެއްވި ޑީއާރުޕީގެ އިސް ބައެއް ބޭފުޅުން ވަނީ ދެއްވައިފަ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން މައުމޫން އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޑީއާރުޕީގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުމޫން ވިދާޅުވި ކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން މީޑިއާގައި ވިދާޅުވި އިރު ޑީއާރުޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑު ބައިވުމެއް ވެސް އުފެދިފަ އެވެ. އެއް ބަޔަކު މިހާރު ބޭނުންވަނީ މައުމޫން އަނބުރާ ގެންނާށެވެ. އަނެއް ބަޔަކު ތިބީ މިހާރުގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފަހަތްޕުޅުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރުގެ ވެރިކަން ބަދަލުކޮށް، އާ ސަރުކާރެއް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އެމްޑީޕީން ކަމަށާއި އެހެންކަމުން ކައުންސިލް އިންތިހާބުގައި ވޯޓު ދޭން ޖެހޭނީ ވެސް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި ރާއްޖޭގައި މިއޮތް ޑިމޮކްރެސީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އެމްޑީޕީން ކަމަށް ވާއިރު އެ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ކުރީގެ ބައެއް މިނިސްޓަރުން ވެސް އެ ޖަލްސާގައި ވާހަކަ ދައްކަވައި މަޖިލީހުގެ އެނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"އަޅުގަނޑު ހަގީގަތުގައި އެއްވެސް ކަމެއް ގޯސްކޮށެއް ނުކުރަން. އެމީހުން (އިދިކޮޅު ފަރާތްތަކުން) ރުޅި އައީ އަޅުގަނޑު ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް، ރަނގަޅަށް ކަންތައް ކުރާތީ. އަޅުގަނޑު މަގާމުން ދުރުކުރީ އެއްވެސް ސަބަބެއް ނެތި،" އެޑިއުކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ގިނަ ބެލެނިވެރިންތަކެއްގެ ނުރުހުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ. "އަޅުގަނޑަށް އިނގޭ ކުއްލިއްޔާ އާއި ކޮލެޖާ އެއްކޮށްލުމުން މީހުން ރުޅިއަންނާނެ ކަން. އަޅުގަނޑު އެކަން ކުރީ މީހުން ރުޅިއަންނާނެކަން ދެނެހުރެ."
ޑރ. މުސްތަފާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގައި ކުރަހާ، މިއުޒިކް ކިޔަވައިދޭތީ ޖަމިއްޔަތުއްސަލަފުން ރުޅިއަންނާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އޭނާ އެމަގާމުގައި ނުހުންނެވި ނަމަވެސް އެކަންތައްތައް ކުރިއަށް ދާނެ ކަމަށެވެ.
ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވިދާޅުވީ އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން އޭނާގެ އަސްލު މަސައްކަތް ކަމަށްވާ ސިއްހީ ދާއިރާގައި ކަމަށެވެ.
ކުރިން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ބޭރު ދުނިޔޭގައި ޑީއާރުޕީ އަކީ ފަލީހަތްވެ، އިތުބާރު ގެއްލިފައިވާ ޕާޓީއެއް ކަމަށެވެ. އަދި ލޯކަލް އިންތިހާބުގައި ޑީއާރުޕީގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލުމަށް ވެސް އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.
ޑީއާރުޕީ އަށް މައުމޫން ކެމްޕޭންކޮށްދެއްވިޔަސް ކަންބޮޑުވާނެ ކަމެއް ނެތް: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ