މަޖިލީހުގެ އިދާރާގެ އިންފާރު އުސްކުރުމަކީ ކިއްލާ އަކަށް ހެދުން ކަމަށް މެމްބަރު ނަޝީދު ސިފަކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގޭގެ އިންފާރު އުސްކުރަން ނިންމާފައި ވަނިކޮށް، އެއީ އެތަން ކިއްލާއަކަށް ހެދުން ކަމަށް ސިފަ ކުރައްވައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު މިއަދު ވިދާޅުވީ "އެ ތަން ކިއްލާއަކަށް ހެދުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫން" ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ވިސްނުމުގައި މަޖިލީހަށް ދެވިފައިވާ މަގާމަށް ބުރޫ އަރައި ވިސްނުން އިތުރަށް ގޯސްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެ އިދާރާގެ ވަށާފާރު 12 ފޫޓަށް އުސްކުރަން ނިންމައިފަ އެވެ. އެ އިދާރާއިން ބުނީ އޭގެ މައިގަނޑު ބޭނުމަކީ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މާޗް 1 ގައި ފެށޭއިރު ސަލާމަތީ ކަންތައްތައް ރަނގަޅުކުރުން ކަމަށެވެ.
ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ނަޝީދު ވިދާޅުވީ ބޮޑެތި އިމްތިޔާޒުތަކަކާއި ބޮޑެތި އެލަވަންސްތަކެއްގެ މައްސަލަ ނުކުމެފައިވާ މި ދަނޑިވަޅު "ބޮޑު ފާރެއް ލުމަކީ ރައްޔިތުންގެ ވިސްނުން އިތުރަށް ގޯސްވެގެންދާނެ" ކަމެއް ކަމަށެވެ. އަދި "އެއީ [އިންފާރު އުސްކުރުމަކީ] ރައްޔިތުންނަށް ދެވޭ ރަނގަޅު މެސެޖެއް ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ގެއަކީ ސީދާ ރައްޔިތުންނަށް ނިސްބަތްވާ ގެއަކަށް ވާއިރު ބަންދު ބޮޑު ކިއްލާއަކަށް އެތަން ބަދަލުވުމަކީ ޑިމޮކްރެޓިކް ސިފަ އަށާއި ރާއްޖޭގައި ހުޅުވާލެވެމުންދާ ޑިމޮކްރެޓިކް ސަގާފަތަށް ކިލަނބުކަން އަންނާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ،
މަޖިލީހުގެ ގޭގެ އިންފާރު ތިރިކޮށް އަދި ގޯތިތެރެ ހާމަކޮށް އޮތުމުން ބައެއް ފަހަރު ހިތާމަވެރި ހާދިސާތައް މެމްބަރުންނަށް ކުރިމަތިވެފައިވާކަން ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން މެމްބަރުންނާ ދިމާއަށް ހުތުރު އެއްޗެހި ގޮވުމާއި ފާރު ުމަތިން އަރަން އުޅުމާއި މަލާމާތްކުރުމާއި އެއްޗެހި އުކުމާއި ބިރު ދެއްކުމާއި އިންޒާރު ދިނުން ފަދަ ކަންކަން ހިނގާފައިވާ ކަމަށާއި އެފަދަ ކަންކަން އަމިއްލައަށް ތަޖުރިބާ ވެސް ކުރެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ފާރު އުސްކުރުމުގެ ބަދަލުގައި މަޖިލީހުގެ ގޭގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާކުރެއްވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލިސް ކުރާ ގޭގެ އިންފާރު އުސްކުރަނީ އެފަދަ ކަންކަން ހިނގާތީ ކަމަށް ވާނަމަ އެކަން ސިފަކުރެވެނީ ވަރަށް ޖަޒުބާތީ ރައްދެއްގެ ގޮތުގައި. އަދި ރައްޔިތުންނަށް ޖަދަލުކުރުމުގެ ސިފައެއް ގެންގުޅެނީ ކަމަށް ވެސް މާނަކުރުމުގެ ފުރުސަތު ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ ލޯބި ލިބޭ ދުވަސްތަކަކާއި ނުރުހުން ލިބޭ ދަނޑިވަޅުތައް އައުމަކީ ސިޔާސީ މައިދާނުގެ ތަބީއަތްކަމުގައި ގަބޫލުކޮށް، ދިމާވާ ދަތިތައް ހަނދާން ނައްތާލައި ކުރިއަށް ދިއުން ނޫން ގޮތެއް މިއަދުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ