ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ގެކޮޅަށް ވަދެ ފުލުހުންކުރީ ގާނޫނާއި ހިލާފު އަމުރެއް ކަމަށާއި، ފުލުހުން ކުރީ ކުށެއް ކަމަށްވެސް ރައީސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ ކުށްކުރުމަށްފަހު އަދަބުން ސަލާމަތްވުމަކީ ވަކިބަޔަކަށް އޮތް ހައްގެއްތޯއޭ ބުނެ ކުރީގެ ރައީސް މައުމޫނާއި ގުޅޭގޮތުން ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ.
މައުމޫން ހަމީދު ވިދާޅުވީ ފުލުހުންނަކީވެސް ގާނޫނަށްވުރެ މަތީގައި ތިބެވޭނެ ބައެއް ނޫން ކަމަށެވެ. އަދި ގާނޫނު ބުނާ ގޮތުން ފުލުހުންނަށް ރައީސް މައުމޫންގެ ގެކޮޅަށް ވަދެ އެމަނިކުފާނުގެ ފޯނު ހިފަހެއްޓޭނީ ހުއްދަ ހޯދައިގެން ކަމަށެވެ.
ނަމަވެސް އެއިން އެއްވެސް ހުއްދައެއް ނެތި ރައީސް މައުމޫންގެ މައްޗަށް ކުރެއްވި އަމުރަކީ ގާނޫނާއި ޚިލާފު އަމުރެއްކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ވަކީލް މައުމޫން ހަމީދު އިތުރަށް ވިދާޅުވީ ކުށްކުރުމަށްފަހު އަދަބުން ސަލާމަތްވުން އެއީ ވަކިބަޔަކަށް އޮތް ހައްގެއް ކަމަށް ބުނާ ވާހަކައަކީ ތެދެއްތޯ ފުލުހުންނާ ވެސް ސުވާލުކުރައްވާފައެވެ.
އަދި ގާނޫނު ބުނާ ގޮތުން މީހުންގެ ގެދޮރަށް ހުއްދަނެތި ވަނުމަކީ ފޭރުން ކަމަށާއި، އަދި ގާނޫނު އެންމެންނާއި މެދު ހަމަހަމަވާން ޖެހޭނެ ކަމަށްވެސް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ގައުމުގައި އިއުލާނުކުރިތާ މަދު ގަޑިއިރުކޮޅެއްގެ ފަހުން އެމަނިކުފާނު ގެކޮޅުގައި ހުންނަވަނިކޮށް ފުލުހުން އެގެއަށް ވަދެ އެވެ.
އެރޭ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސީދާ ރައީސް މައުމޫން ހައްޔަރުކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ. އަދި އެމަނިކުފާނުގެ ހައްޔަރުކުރުމަށް ފުލުހުން އެގެއަށް އައުމުން ރައީސް މައުމޫން ވަނީ ހައްޔަރުކުރަންޖެހޭނެ ފަދަ ކުށެއް ކުރައްވާފައި ނުވާނެ ކަމަށާ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ކޯޓަށް މައްސަލަ ހުށައަޅައިގެން އެމަނިކުފާނު ހައްޔަރުކުރުމަށް އަމުރު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އަމުުރެއް ކޯޓުން ދީފައި ނުވަނީ އެމަނިކުފާނަކީ ކުށްވެރިއަކަށް ނުވާތީ ކަމަށް ރައީސް މައުމޫން ފުލުހުންގެ އަރިހުގައި ދެންނެވި އެވެ.
ނަމަވެސް އެރޭ ފުލުހުން ރައީސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސް ޖަލުގައި ބަންދުކުރި ފަހުން ރައީސް މައުމޫންގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު މިހާރު ގެންދަވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއްވެސް ތަންފީޒުކުރައްވަމުންނެވެ.
ރައީސް މައުމޫންގެ ގެކޮޅަށްވަދެ ފުލުހުންކުރީ ޤާނޫނީ ކުށެއް: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ