ރައީސަށް އިތުރު ދައުރެއް ދީފިނަމަ މި ގައުމު ހޯދާ ނުފެންނާނެ: އިބޫ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިތުރު ފަސް އަހަރުގެ ދައުރެއް ދީފިނަމަ މި ގައުމު ހޯދާ ނުފެންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ލ. މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިބޫ ވަނީ ސަރުކާރުން ކަންތައް ކުރާ ގޮތް ކަމަށް ވިދާޅުވެ ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އިބޫ ވިދާޅުވީ މިއަދުގެ ސަރުކާރުން ގެންދަނީ މުޅި ރާއްޖެއަށް ފަސާދައާއި ވައްކަމާއި ކޮރަޕްޝަނާއި ބިރުވެރިކަން ފަތުރަމުން ކަމަށެވެ. އެހެންވުމުން ރައީސް ޔާމީނާއި މި ސަރުކާރަށް އިތުރު ފަސް އަހަރުގެ ދައުރެއް ދެއްވައިފިނަމަ ގައުމު ހޯދާ ނުފެންނާނެ ކަމަށާއި، އެކަމުގެ އަސަރު ދަރިންނަށް ވެސް ފޯރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ސަރުކާރު މުވައްޒަފުންނަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ބިރު ދައްކަވަމުން ގެންދާ ކަމަށް އިބޫ ވިދާޅުވިއެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި ޝުއޫރު ފާޅު ކުރުމުގެ ފުރުސަތެއް ސަރުކާރު މުވައްޒަފުންނަށް ލިބިފައި ނުވާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. މިވަގުތަކީ ބިރު ނައްތާލައި ސަރުކާރާ އިދިކޮޅު ފިކުރުތަކުގައި މީހުން ނުކުންނަންވީ ވަގުތު ކަމަށް އިބޫ ވިދާޅުވިއެވެ.
މުވައްޒަފުންގެ ތެރޭގައި ސަރުކާރާ ފިކުރު ތަފާތު މުވައްޒަފުންނަށް އެ މުވައްޒަފުންގެ ފިކުރާ އެއްގޮތަށް ޝުއޫރު ފާޅު ކުރުމުގެ ފުރުސަތެއް މާވަށުގަ ވެސް ނެތް ކަމަށް އިބޫ ވިދާޅުވިއެވެ. ބިރުވެރި ކަމެއްގެ ތެރޭގައި ތިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެއީ ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށާއި އެ ބޭފުޅުންގެ ވެރިކަމުގައި ހުރިހާ ޕާޓީއެއްގެ ހުރިހާ ކުލައަކަށް ތާއީދު ކުރާ ބޭފުޅުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ