ޝާނާއި ދެކޮޅަށް ހެކި ހުށަހެޅުމުގެ ފުރުސަތު ކޯޓުން ދީފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުންކޮށްފައިވާ ދައުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ޝާންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތައް ފުރުސަތު ދިނުމުން ލިޔުމުން ހެކިބަސް ހުށަހަޅަން ބޭނުންވާކަމަށް ދައުލަތުގެ ވަކީލާ އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ފުރުސަތު ވަކީލާއަށް ދެއްވާފައެވެ.
ޝާންގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާކުރާއިރު މިއަދުގެ އަޑުއެހުމުގައި އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ތަހުގީގު ބަޔާންތަކާއި އެމައްސަލާގެ އެހެނިހެން ލިޔެކިޔުންތައް ލިބުމުން އެދައުވާއަށް ޖަވާބުދާރީވާނެ ކަމަށެވެ.
އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ދައުލަތުން ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާކޮށްފައިވަނީ އަލީ ޝާންގެ އިތުރުން ހ. ލޮބީ ހުސެއިން ހުމާމް ގެ މައްޗަށެވެ.
މިދެމީހުންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވާތީ އެވެ. ހުމާމްގެ މައްޗަށް ވެސް ކުރަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ އެވެ.
މީގެ އިތުރުން މިމައްސަލައިގައި ދައުލަތުން ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލާފައެވެ. އެ ކުއްޖާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ އެކުށަށް އިއުތިރާފުވެފަ އެވެ. މިމައްސަލައިގައި ދެން އޮންނަ އަޑު އެހުމެއްގައި ހުކުމް އިއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަފްރާޝިމް އަލީ އަވަހާރަކޮށްލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ޕްރޮގްރާމެއް ނިންމަވާލެއްވުމަށްފަހު ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ގެއަށް ވަދެވަޑައިގަންނަވަނިކޮށް ގޭގެ ދޮރުމަތިން ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ