ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައްވައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން ހުސްވެފައި އޮތް ދެ ޖާގައަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހުޅުވާލައިފައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ފުރުސަތުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފައެވެ. މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ހަމީދު ހައިކޯޓަށް އައްޔަން ކުރެވުނީ 2007 ވަނަ އަހަރު އެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ގާޒީކަންވެސް އޭނާ ކުރެއްވި އެވެ. ފަނޑިޔާރު ސަމީރު ހައިކޯޓަށް އައްޔަން ކުރީ 2011 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓުގެ އިސްގާޒީކަން ކުރައްވައިފައެވެ. ފަނޑިޔާރު ޝުއައިބު ހައިކޯޓަށް އައްޔަން ކުރީ 2011 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ޖުވެނައިލް ކޯޓުގެ އިސް ގާޒީ ކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީކަންވެސް ކުރައްވައިފައެވެ. ފަނޑިޔާރު ނިޔާޒު ހައިކޯޓަށް އައްޔަން ކުރެވުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަން ކުރައްވައިފައެވެ. މި ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ކުރިމަތިލައްވާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެދެ ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ފޮނުވައި ލަފައަކަށް އެދިވަޑައިގެންފަ އެވެ. އެ ދެ ބޭފުޅުންނަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން އާއި ހައިކޯޓުގެ ކުރީގެ ގާޒީ އަޒްމިރަލްޑާ ޒާހިރު އެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 12:00ގައި ވަނީ ހަމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ