ސްކޫލް ކުދިންނަށް ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް ހިލޭ ދެނީ

ނ.ކެނދިކުޅުދޫގައި ސްކޫލް ކުދިންނަށް ބަހުގެ ހިދްމަތް ހިލޭ ދިނުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކެނދިކުޅުދޫ އަށް ވާދަކުރައްވާ އަހުމަދު އީސަގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކެނދިކުޅުދޫގައި ސްކޫލަށް ކުދިން ގެންދިޔުމަށް ބަހުގެ ހިދުމަތް މިހާރުވެސް ދެމުން އަންނަ ކަމަށާއި މިހާރު އެކަން ކުރަމުން އަންނަނީ ބެލެނިވެރިން ހަރަދުކޮށްގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެކަން ސަރުކާރުން ހިލޭކޮށްދޭ ގޮތަށް ވަރަށް އަވަހަށް ބަދަލުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިއަހަރުތެރޭ ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށާއި އަދި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް މިއަހަރުތެރޭ ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޭންކުގެ ހިދުމަތަކީ މިވަގުތު ކޮންމެ ރަށަކަށް ވެސް މުހިއްމު ހިދުމަތެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ ކެނދިކުޅުދޫގައި އޭޓީއެމްގެ ހިދުމަތް ދިނުމަށްޓަކާ ބޭންކުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ނ.ހެނބަދޫގެ ބަނދަރު ހެދުމުގެ މަސައްކަތާއި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް މި އަހަރުތެރޭ ފެށިގެންދާނެ ކަމަށާއި ހަމަ އެގޮތަށް ނ.މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިއަހަރުތެރޭ ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނ.ކުޑަފަރީ ބަނދަރު ހެދުމުގެ މަސައްކަތާއި އެ ރަށުގައި ސްމާޓް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތާއި ނ.ހޮޅުދޫގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހައިދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ މި ޖަލްސާގައި ވައުދުވެ ވަޑައިގެންފައެވެ.
މިއީ މިއަހަރުތެރޭ ނ.އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ޕްރޮޖެކްޓުތައް ކަމަށާއި ނ.އަތޮޅުގެ ރައްޔިތުން މިއަދު އެމަނިކުފާނަށް ކޮށްދެއްވަންވީ ކަމަކީ އެ ދާއިރާ އިން އީސަ އިންތިހާބުކޮށްދެއްވުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ