ވިއްސާރަ ވުމުން ވެސް ކަރަންޓް ބިލް އާދަޔާއި ހިލާފަށް ބޮޑުވެއްޖެ

ނިމިގެން ދިޔަ ޖޫން މަހުގެ ގިނަ ދުވަސްތަކަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ބޮޑަށް ވިއްސާރަ ކުރި މަހެއް ނަމަވެސް ކަރަންޓް ބިލްތައް އާދަޔާއި ހިލާފަށް ބޮޑުވެއްޖެއެވެ. މެއި މަހުގެ ކަރަންޓް ބިލްތައް ބޮޑުވުމުން އޭރު ސަރުކާރުން ވިދާޅުވީ ކަރަންޓް ބިލް ބޮޑުވީ ރަމަޟާން މަސް ކަމަށްވެފައި، މެއި މަހަކީ ހޫނު ގަދަ މަހަކަށް ވާތީ ކަމަށެވެ.
މެއި މަހުގެ ކަރަންޓް ބިލް ބޮޑުވުމުން ސަރުކާރުން ބުނީ ޖޫން މަހުގެ ކަރަންޓް ބިލްތައް ކުޑަވާނެ ކަމަށެވެ. ނަމަވެސް މިއަދު ބިލްތައް ލިބެން ފަށާފައި ވާއިރު ގިނަ މީހުން ބުނާ ގޮތުގައި މެއި މަހާއި ޖޫން މަހުގެ ބިލްގައި މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް އޭގެ ކުރީގެ މަސްތަކާއި އަޅާބަލާއިރު ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާއި ހިލާފަށް ބޮޑެވެ.
ކަރަންޓް ބިލްތަކުގެ ތަފްސީލް "ވަގުތު" އާއި ހިއްސާ ކުރި މީހަކު ބުނީ އޭނާގެ ގޭގެ ކަރަންޓް ބިލް ފާއިތުވި ފަސް އަހަރު ވެސް 2000 ރުފިޔާ އަށް ވުރެ މައްޗަށް ނާރާ ކަމަށާއި ނަމަވެސް ފާއިތުވި ތިން ކަރަންޓް ބިލް ހުރީ 2000 ރުފިޔާ އާއި 4000 ރުފިޔާ އާއި ދެމެދުގައި ކަމަށެވެ.
"ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރެއް ނުކުރަން. އިތުރު އިލެކްޓްރޯނިކް އެއްޗެއް ނުގަންނަން. ނަމަވެސް މިވީ ތިން މަސް ދުވަސް ތެރޭގައި ކޮންމެ މަހަކު ކަރަންޓް ބިލް އަންނަނީ ބޮޑުވަމުން." އޭނާ ބުންޏެވެ.
"ވަގުތު" އަށް މައުލޫމާތު ދިން އިތުރު މީހަކު ބުނީ މެއި މަހު އޭނާގެ ގޭގެ ކަރަންޓް ބިލަށް 5000 ރުފިޔާ އެރި ކަމަށާއި ނަމަވެސް ކުރިން އަރަނީ 3000 ރުފިޔާ ކަމަށެވެ. "މެއި މަހު 5000 ރުފިޔާ އެރި. މިމަހު 5500 ރުފިޔާ އަރާފައި އެބައޮތް." އޭނާ ބުންޏެވެ.
އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.
ނަމަވެސް ޖޫން މަހު ކަރަންޓް ބިލްތައް ލިބުނީ އާދަޔާއި ހިލާފަށް ބޮޑުކޮށެވެ. އަދި ޖުލައި މަހު ކަރަންޓް ބިލް ލިބެމުން ދަނީ ވެސް އާދަޔާއި ހިލާފަށް ބޮޑުކޮށެވެ.
ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި ރައްޔިތުން ދައްކާ ވާހަކަ ސަރުކާރުން ގަބޫލެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ