އުތުރުގެ ހަތަރު އޮތޮޅެއްގެ 11 ސަރަހައްދެއް ހިމާޔަތްކޮށްފި

އުތުރުގެ ހަތަރު އޮތޮޅެއްގައި ފާހަގަކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުބހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ރިޔާސީ ވައުދު ފުއްދުމުގެ ގޮތުންނެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 11 ސަރަހައްދެއް ހިމާޔަތްކުރެއްވުމަށް ރައީސް ނިންމެވީ ހއ، ހދ، ށ އަދި އަދި ނ. އަތޮޅުންނެވެ. އެގޮތުން ހިމާޔަތްކުރުމަށް ނިންމެވި 11 ސަރަހައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ. ކެލާ ޗަސްބިން، ހއ. ބިލެތްދޫ ތިލަ، ހދ. ފިނޭ ތިލަ، ހދ. އިންނަފުށި، ށ. ބޮލިއްސަފަރު، ށ. ނާލާހުރާ، ނ. ފޮއްދިއްޕަރު، ނ. ބޮޑުޅައިމެންދޫ، ނ. ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ. އޮރިމަސްތިލަ އެވެ.
ރައީސް އޮފީހުން ބުނީ ހިމާޔަތްކުރާ ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތާއި، މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހިމާޔަތްކުރަން ނިންމި ސަރަހައްދަކީވެސް ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްސަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެއް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. މިގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަހައްދުތަކާއި، ހިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑި، ވެލާކަހަނބު، މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކައާއި ފަރުގެ މުއްސަނދި ސަރަހައްދުތައް ހިމެނެ އެވެ.
މި ސަރަހައްދުތައް ހިމާޔަތް ކުރުމަށްޓަކައި މި ސަރަހައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާ މަޝްވަރާކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފަ އެެވެ.
ރައީސް އޮފީހުން ބުނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެއްވުމާއެކު، އެސަރަހައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާކަންކަން އާންމުކޮށް އިއުލާންކުރާނެ ކަމަށެވެ. މީގެ އިތުރުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް، ހާއްސަކޮށް އެސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ