ފެބްރުއަރީ 01 ގެ އަމުރު ޑްރާފްޓް ކުރީ އަލީ ހަމީދު – އަބްދުﷲ ސައީދު

ދިވެހިރާއްޖޭގެ ތާރީޚްގައި ކޯޓަކުން ނެރުނު އެންމެ އާދަޔާއި ހިލާފު ކޯޓު އަމުރު ކަމަށްވާ މިދިޔަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ޑްރާފްޓް ކުރީ އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ކަމަށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
މިހާރު މީސް މީޑިއާގައި ލީކް ވެފައިވާ އަބްދުﷲ ސައީދުގެ އޯޑިއޯއެއްގައި އޭނާ ވިދާޅުވީ "އެއަމުރު އެހެން މީހަކު ޑްރާފްޓް ކުރި ނަމަ ހަމައެއް ނުޖެހޭނެ" ކަމަށެވެ.
"އެހެންވީމާ އަލީ ހަމީދަށްތާ އެނގޭނީ. މިކަހަލަ އެއްޗެއް އަޅުގަނޑު ޑްރާފްޓެއް ނުކުރާނަން ދަންނަ މީހަކު ލައްވާ ނޫނީ މިހާރު ޝޯޓް ޓައިމެއްގެ ތެރޭގައި. އެމީހުން (ކޮންބައެއްކަން ވިދާޅެއް ނުވޭ) ބުނި ގޮތައް ޙުކުމް ޑްރާފްޓް ކުރާނެ ގޮތް ކިޔާ ދިނީ ހަމީދު. ޑްރާފްޓް ކުރީ އަލީ ހަމީދު. އަލީ ހަމީދު ކުރީމައެއްނު ފޫނުބެދޭ ގޮތައް ނެތީ. އެހެން މީހަކު ކުރި ނަމަ ފޫނުބެދޭނެ. އަޅުގަނޑު ބޭނުމެއް ނޫން އަމިއްލައަށް ލިޔާކަށް." އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ފެބްރުއަރީ 01 ގެ އަމުރާއި ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް ދެބޭފުޅުންގެ މައްޗަށް ވަނީ ބައެއް މައްސަލަތަކުގައި ޙުކުމް އިއްވާފައެވެ. އަދިވެސް އެބޭފުޅުން ގެންދަވަނީ އެޙުކުމްތައް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް މިހާރު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގައި ތިއްބަވައިގެންނެވެ.
ލީކްވެފައިވާ އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވަނީ ފެބްރުއަރީ 01 ގެ އަމުރު ނެރުމުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެންނާނެ ފުރުސަތު އޭރުގެ ރައީސް ޔާމީނަށް ލިބިވަޑައި ނުގެންނެވި ކަމަށެވެ.
ސަލާމަތް ވެވެން ހުރި ހުރިހާ ދޮރެއް ޔާމީނަށް ބަންދުވީ ސުޕްރީމް ކޯޓުން ދޫކުރި "ހިބަރު ވަދެއްގައި" ޔާމީން ޖެހިވަޑައިގެންނެވުމުން ކަމަށް އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެއެވެ.
"އަބްދުﷲ ޝާހިދު ބުންޏެއްނު ހިބަރު ވަދެއްގައި ޖެހިފައޭ. ހިބަރު ވަދުގައި ޖެއްސީ އަޅުގަނޑުމެން،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވަނީ "ޔާމީން ކައިރިން ސަލާމަތްނުވާނެ ކަން އަޅުގަނޑަށް އެނގޭ" ކަމަށެވެ. "ޔާމީނަށް ބޮޑު ނުދެވިއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭނެ. އެހެންވީމާ މި ފަސް މީހުން ހިބަރު ވަލުގައި ޖައްސާފައި ބައިތިއްބަން ޖެހޭނީ. ސޮއި ވެސް ކޮށްފަތާ އަމުރު ނެރުނީ." އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން ލައްވާ އެއަމުރުގައި ސޮއި ކުރުވީ އެބޭފުޅުން ވެސް "ހިބަރު ވަލުގައި ޖައްސަން" ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ސޮއި ނުކޮށް ވެސް އަމުރު ނެރުނު ނޯންތޯ މީހަކު ސުވާލު ކުރާ އަޑު އޯޑިއޯގައި އިވެއެވެ. ޖަވާބުގައި އަބްދުﷲ ސައީދު ވިދާޅުވަނީ އަމުރު ނެރެން ޖެހޭ ގޮތަކީ އެއީ ކަމަށެވެ.
އަމުރު ނެރުމުން މެންބަރުތަކެއް އޭނާ އާއި ބައްދަލު ކުރަން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެބޭފުޅުންނާއި ބައްދަލު ނުކުރެއްވީ ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ފެބްރުއަރީ 01 ގެ އަމުރާއި ގުޅިގެން ދައުވާ ކުރި ގިނަ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތައް ސަރުކާރު ބަދަލުވުމުން ވަނީ އަނބުރާ ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ