ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ފަނޑިޔާރުކަމުން ވަކިކުރަން 58 މެންބަރުންގެ ވޯޓު ބޭނުންވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި، ދީދީ ވަކިކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެވެ.
އެ މައްސަލަ ކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުންވެސް ފާސްކުރަން އެދި އެ މައްސަލައާބެހޭ ކޮމިޓީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް ހުށަހަޅައި ވަނީ ބަހުސް ފަށައިފައެވެ.
މި ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
މި ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން، ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، މި ރިޕޯޓަށް ބަހުސް ކުރަން ލިބިވަޑައިގަންނަަވާނީ ދެގަޑިއިރު ކަމަށެވެ. އެއީ އެމްޑީޕީއަށް އެއްގަޑިއިރާއި ބާރަ މިނިޓާއި ސާދަ ސިކުންތު، ޖުމްހޫރި ޕާޓީއަށާއި ޕީޕީއެމަށް ދިހަ މިނިޓާއި ދިހަ ސިކުންތު، އަދި ޕީއެންސީއަށް އށް މިނިޓާއި ހަ ސިކުންތު، އެމްޑީއޭއަށް ފަސް މިނިޓާއި އަށާރަ ސިކުންތު، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނަށް އެއްމިނިޓާއި ސާޅީށް ފަސް ސިކުންތެވެ. އެހެންކަމުން މަޖިލީހުގެ ވޯޓުގަޑީ ކަމުގައިވާ 1:30 ގައި މި މައްސަލައަށް ވޯޓަށް އަހާނެއެވެ.
ފަނޑިޔާރުން ވަކި ކުރުމާބެހޭގޮތުން، ގާނޫނުއަސާސީ ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ހުށަހެޅުމަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގައި މިހާރު 87 މެމްބަރުން ހިމެނިވަޑައިގަންނަވާއިރު، ފަނޑިޔާރުކަމުން އަބުދުﷲ ދީދީ ވަކި ކުރުމަށް 58 މެންބަރުންގެ ވޯޓު ލިބެން ޖެހެއެވެ.
ރައްޔިތުންގެ މަޖީހުގައި މި މައްސަލައަށް މިހާތަނަށް ކުރިއަށްދިޔަ ބަހުސަށް ބަލާއިރު އެ މައްސަލަައަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވާހަަކަ ދެއްކެވީ ދީދީ ފަނޑީޔާރުކަމުން ވަކިކުރަން ތާއީދު ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ