ޖައިލަމްގެ މަރުގެ މައްސަލަވެސް ގާޒީ ފާއިޒަށް

ދެހާސް ފަނަރަ ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ހ. ހަންޑްރެޑް ފްލާވާ، ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައިގެ ގާޒީ ބަދަލުކޮށްފިއެވެ. މިހާރު ޖައިލަމްގެ މަރުގެ މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ. އޭނާ އަކީ މި އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުގައި ހުންނަވަނިކޮށް، ކްރިމިނަލް ކޯޓަށް ބަދަލު ކުރި ގާޒީ އެކެވެ. ޖައިލަމްގެ މަރުގެ މައްސަލައިގެ އިތުރުން، ޓާމިނަލް ކެފޭ ތެރޭގައި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލަވެސް މިހާރު ވަނީ ގާޒީ ފާއިޒްއާ ހަވާލުކޮށްފައެވެ. މައްސަލަތައް ހަވާލު ކުރުމުގެ ބާރު އޮންނަނީ ކޯޓުގެ އިސް ގާޒީއަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކީ ގާޒީ އަހުމަދު ހައިލަމެވެ. މިއަދުގެ އަޑުއެހުން މިއަދު މެންދުރު ވަނީ ޖައިލަމްގެ މަރުގެ މައްސަލައިގައި އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑުއެހުމަކީ ހެކި ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދު ހުށަހަޅަން ހަމަޖެހިފައި އޮތީ ދައުލަތުގެ ފަރާތުން، ޖައިލަމް މަރާލި ސީންގެ ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓެެވެ. އެކަމަކު ދައުވާ ލިބޭ ހަތަރު މީހުންގެ ވަކީލު ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ. ވަކީލުން އެދިފައި ވަނީ ކިތާބީ ހެއްކާ މެދު ވާހަކަ ދެއްކުމުގެ ކުރިން ޝަފަވީ ހެކިންގެ ހެކިބަސް ނެގުމަށެވެ. ސީން އޮފް ކްރައިމް ރިޕޯޓުގައިވާ ކަންތައްތައް އެނގުމުގެ ކުރިން ޝަފަވީ ހެކިވެރިން ދައްކާ ވާހަކަ އެނގުން، ދިފާއު ބިނާ ކުރަން މުހިންމު ކަމަށް ވަކީލުން ވިދާޅުވިއެވެ. އެކަމާ އިއުތިރާޒު ކުރަމުން، ދައުލަތުގެ ވަކީލު އައިޝާ ޔޫސުފް ސަމީރު ވިދާޅުވީ، ހެކި ހުށަހެޅޭނީ ވަކި އޯޑަރަކުން ކަމެއް އެއްވެސް ތަނެއްގައި ލިޔެވިފައި ނޯންނަ ކަމަށެވެ. އެހެން ކަމުން މިއަދު ކިތާބީ ހެއްކައިގެން ކުރިއަށް ދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. އެކަމަކު މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ފުރަތަމަ ހެކިވެރިންގެ ހެކިބަސް ނެގުމަށެެވެ. އެއަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލީއެވެ. މީގެ ކުރިންވެސް ސިއްރު ހެކިވެރިން ގެނެސްގެން ސުވާލު ކުރުމުގެ ފުރުސަތު ދެތިން ފަހަރަކަށް ދައުލަށް ދިފައިވެއެވެ. އެކަމަކު، ހެކިވެރިން ގެނެސްގެން ސުވާލު ކުރެވިފައި ނުވެއެވެ. ޖައިލަމްގެ މަރުގެ މައްސަލައިގެ ހުލާސާ ޖައިލަމް މަރާލީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑަށް ވަޅިން ހަމަލާދިނުމުންނެވެ. އެ ހަމަލާ ދީނީ ދަރުބާރުގެ ކައިރީގައި ހުންނަ، ޖައިލަމް ދިރިއުޅު ގެ ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާފައިވެއެވެ. ޖައިލަމް މަރާލި މައްސަލާގައި ދައުވާ ކުރަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ދައުވާ ކުރާ ހަތަރު މީހުން: ވ. ސިނަމާލެ 4 01-04 އިސްމާއީލް އަނީގު ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނު ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު އެ ހަތަރު މީހުންގެ ތެރެއިން އަނީގު އާއި ނަސީބު އަދި އިރުފާން ބަންދުގައި ބަަހައްޓާފައި ހުއްޓާ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފައވެ. ހުމެއިދު އަދިވެސް ހުންނަނީ ބަަންދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ