ޕްރެމިއަރ ލީގުގައި ނިލަންދޫ ކުޅޭ ފަސްވަނަ މެޗު މާދަމާ ހަވީރު

ހަތަރު ހަފްތާގެ ބްރޭކަކަށްފަހު، ދިވެހި ޕްރެމިއަރލީގު މާދަމާ (ހޮނިހިރު ދުވަހު) ފަށާނެވެ. ހޮނިހިރު ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު 16:00 ޖަހާއިރު، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިލަންދޫ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓެވެ.
ހޮނިހިރު ދުވަހުގެ މެޗަކީ މުބާރާތުގައި ނިލަންދޫ ކުޅޭ ފަސްވަނަ މެޗެވެ. މީގެ ކުރިން ނިލަންދޫ ކުޅުނު ހަތަރު މެޗުންވެސްވަނީ ބަލިވެފަ އެވެ. މިހާތަނަށް 3 ގޯލު ޖެހުނުއިރު، ބައިކޮޅަށް 24 ގޯލުވަނީ ވަދެފަ އެެވެ. އެއިގެ ތެރެއިން 13 ގޯލަކީ މާޒިޔާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ޖެހި ގޯލުތަކެވެ.
ޕޮއިންޓް ޓޭބަލަށް ބަލާއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ނިލަންދޫ މިވަގުތު އޮތީ ޓޭބަލްގެ ފުލުގަ އެވެ.
އިދާރީ އަދި މާލީ މައްސަލަތަކެއް ކުރިމަތިވެފައިވާ ނިލަންދޫ ޓީމު ކުޅުނު ހުރިހާ މެޗުތަކުން ބަލިވެފައިވިޔަސް، ޓީމުގެ ކުޅުން މެޗަކަށްފަހު މެޗެއް ރަނގަޅު ވަމުން އަންނަކަން ހުރިހާ ފަރާތަކުންވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ޚާއްޞަކޮށް އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ އާ ދެކޮޅަށް ކުޅުނު މެޗުގައި ނިލަންދޫ ޓީމުން ދެފަހަރު ލީޑު ނަގާފައިވަނިކޮށް ބަލިވީ ފަހު ވަގުތު ޓީމުކޮޅަށް ވަން ގޯލުތަކުންނެވެ.
އަދި ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖެއިން ބޭރުން ގެންނަން ހަމަޖެހިފައިވާ ކުޅުންތެރިންގެ ތެރެއިން ނައިޖީރިއާ ގެ ކިންގްސްލީ މިހާރުވަނީ ޓީމާ ގުޅިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ