ސިވިލް ކޯޓްގެ ޤާޒީ މަރިޔަމް ވަހީދަށް ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ނެތްކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅި އަމުރު ބާތިލްކޮށް އަލުން ކޯޓަށް ނިކުތުމަށް މަރިޔަމް ވަހީދަށް އަންގަވައިފިއެވެ.
ސިވިލްކޯޓްގެ ޤާޒީ ސ ފޭދޫ ބެލޫން، މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ނުކުރެވޭނެކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން އަމުރެއް ނެރުނީ ވ ބޮޑުމޮހޮރާގެ މައްސަލާގައި ގާޒީ މިދިޔަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު ކުރި ހުކުމަކާއި ގުޅިގެން ހަމަ އެދުވަހުއެވެ.
މި ހުކުމަކީ ރިސޯޓެއްގެ ގޮތުގައި ވ ބޮޑުމޮހޮރާ ތަރައްގީ ކުރުމަށް މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާއި ހަވާލުކުރުމަށް ސިވިލް ކޯޓުގެ ޤާޒީ މަރިޔަމް ވަހީދު ސަރުކާރުގެ މައްޗަށް ހުކުމެއް ކޮށްފައެވެ.
ނަމަވެސް މި ހުކުމްވެސް ސްޕްރީމް ކޯޓުން ހަމަ އެދުވަހުވަނީ ބާތިލްކޮށްފައެވެ. އެހުކުމް ބާތިލްކުރީ ވ ބޮޑުމޮހޮރާގެ މައްސަލަ ސްޕްރީމް ކޯޓުން ނިންމާފައިވަނިކޮށް އެމައްސަލަ އަލުން ބަލައި ހުކުމް ކުރުމުންނެވެ.
ސްޕްރީމް ކޯޓުން މީގެ ކުރިންވަނީ ބޮޑު މޮހޮރާގެ މައްސަލާގައި ސަރުކާރާއި އެއްކޮޅަށް ހުކުމެއް ކޮށްފައެވެ. އަދި މެރިން ޓެކްނޮލޮޖީސް އާއި ސަރުކާރާއި ދެމެދު، ތަންފީޒު ކުރުން ލާޒިމް އެގްރިމެންޓެއް ނުވާކަމަށް ސިވިސްކޯޓުންވަނީ ހުކުމެއް ކޮށްފައެވެ.
ނަމަވެސް މިމައްސަލަ ސިވިލް ކޯޓުގެ ގަޒިއްޔާއަކުން ބަލައި ގާޒީ މަރިޔަމް ވަހީދުވަނީ ބޮޑުމޮހޮރާ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއަށް ދިނުމަށް ހަތް ދުވަހުގެ ތެރޭގައި އެއްބަސްވުމެއް އެކުލަވާލުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެފައެވެ.
މިމައްސަލަ ބާތިލްކޮށް އޭގެ ފަހުން ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާޒީ މަރިޔަމް ވަހީދު ބޮޑު މޮހޮރާގެ މައްސަލަ އަލުން ބަލާފައިވަނީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނު އަދި ޝަރީއަތް ކުރުމުގެ ގާނޫނީ އުސޫލުތަކާއި އިޖުރާއާތުތަކާއި ޚިލާފަށް ކަމުގައެވެ.
އަދި މަރިޔަމް ވަހީދަށް ދެން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ހުކުމް ނުކުރެވޭނެކަމަށް ކަނޑައަޅާ ސްޕްރީމް ކޯޓުން ބުނެފައިވަނީ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ދިވެހި ރާއްޖޭގެ ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދަށް ލިބިގެން ނުވާ ކަމުގައެވެ.
މިމައްސަލާގައި ގާޒީ މަރްޔަމް ވަހީދާއި މެދު އަޅާފައިވާ ފިޔަވަޅަކީ އެއްވެސް ކުށަކާއި ނުލާއަޅާފައިވާ ފިޔަވަޅެއްކަމަށް ބުނެ ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ކަންބޮޑުވުންފާޅުކޮފައެވެ.
މީގެ އިތުރުން ގާޒީ މަރިޔަމް ވަހީދުގެ ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ނިގުޅައިގެންފައިވާތީ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅައި ދިނުމަށް އިދިކޮޅު އެމްޑީޕީން ޖުޑިޝަލް ސާވިސް ކޮމިޝަންގައި މީގެކުރިންވަނީ އެދިފައެވެ.
މަރިޔަމް ވަހީދުގެ ޝަރީއަތް ކުރުމުގެ ހައްޤު ނިގުޅައިގަތް މައްސަލާގައި ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރެވޭނެކަމަށް އެކޮމިޝަނުންވަނީ މީގެ ކުރިން ނިންމާފައެވެ.
ގާޒީ މަރިޔަމް ވަހީދުގެ މައްޗަށް ނެރުނު އަމުރު ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ