ފިލްމީ މަސައްކަތްތަކުގައި އަޅުގަނޑުމެންގެ އަވައްޓެރި އިންޑިޔާއަކީ ފާހަގަކޮށްލެވޭ ޤައުމެކެވެ. އެޤައުމުގައި އެންމެ ބޮޑެތި އިންވެސްޓުމެންޓުތަކެއް ކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންއަންނަ އެއް ދާއިރާއަކީ ފިލްމީ ދާއިރާ ނުވަތަ "ބޮލީވުޑް" އެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ބޮލީވުޑް ތަރިންގެ މަޤްބޫލުކަން އޮވެއެވެ. މިއާ ޚިލާފަށް ރާއްޖޭގައި ފިލްމީ ދާއިރާ ނުހަނު ހަންޏެވެ. މިދާއިރާގައި މަސައްކަތް ކުރަނީ 100 އެއްހާ މީހުންނެވެ. އޭގެތެރެއިން ފްރަންޓް ލައިނުން ޖާގަ މިލިބެނީ ވަރަށް މަދު މީހަކަށެވެ.ބޮލީވުޑް "ހީރޯ" އިންގެ ގޮތުގައި އަމީތާބުން ފެށިގެން ރަންވީރް ސިންގްއާއި ހަމައަށް އެތައް ސަތޭކަ ނަންތަކެއް ގުނާލެވިދާނެއެވެ. އެހެންނަމަވެސް ރާއްޖޭގައި މިދެންނެވި ލިސްޓު ނުހަރު ކުރެވެ. އިސްމާއިލް ވަޖީހުއާއި، ޔޫއްޕެ، ސީޒަން ފަދަ މަދު މީހަކަށް "ހީރޯ" އެއްގެ ދަރަޖަ ދެވިދާނެއެވެ. ފާއިތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި ފިލްމީ މަސައްކަތްތައް މިވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިދެންނެވި ފަދައިން "ހީރޯ" އިންގެ އަދަދު އިތުރުވެފައެއް ނުވެއެވެ. 2014 ވަނަ އަހަރު ދިވެހި ފިލްމު "އަނިޔާ" އިން ބެލުންތެރިންނަށް ތަޢާރަފުވި ޖުމައްޔިލް ނިމާލަކީ ފުރަތަމަ ފެނިލުމުންވެސް ބެލުންތެރިންގެ ހިތްތައް ދަމައިގަތް ފަންނާނެކެވެ. ޚާއްސަކޮށް އަންހެން ކުދިންގެ މެދުގައި ޖުމަލްގެ މަޤުބޫލުކަން އިންތިހާއަށް ބޮޑެވެ.
"އަނިޔާ" ގައި ޖުމަލްގެ ފަރާތުން ފެނިގެން ދިޔައީ އެވަރެޖް އެކްޓިންގް އެކެވެ. އެހެންނަމަވެސް ލިބެމުން ދިޔަ ފުރުސަތުތަކުގެ ބޭނުން ޖުމަލް ހިފަމުން ދިޔައީ ނުހަނު ރަނގަޅަށެވެ. "އެންމެފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާ އެކީ"، "މީ ލޯތްބަކީ"، "މަލިކާ"، "4426" މިއިން ކޮންމެ ފިލްމަކުންވެސް ޖުމަލް ދައްކާލީ ޖުމަލްއަށް ބެލުންތެރިން އިތުބާރުކުރަންވީ އިތުރު ސަބަބުތަކެކެވެ. ޚާއްސަކޮށް "ވާށޭ މަށާ އެކީ" އަކީ ޖުމަލްގެ އާދަޔާ ޚިލާފު މޮޅު އެކްޓިންގްއެއް ދައްކުވައިދިން ފިލްމެކެވެ. އެއް މަސައްކަތަށްވުރެއް އަނެއް މަސައްކަތުގައި ޖުމަލްގެ "އިމްޕްރޫވްމެންޓު" އިތުރުވަމުން ދިޔަ މަންޒަރު މިފިލްމުން ހަމަގައިމުވެސް ފެނުނެވެ.
މިހާރުވެސް ޖުމަލްގެ އިތުރު ފިލްމެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. "ވަކިން ލޯބިން" ގެ ނަމުގައި ޑާރކް ރެއިން އެންޓަރޓެއިންމެންޓުން އުފައްދާ ލޯބީގެ ފިލްމެއްގެ މަސައްކަތެވެ. މިފިލްމުގައި ޖުމަލް ފެނިގެންދާނީ މަޖޫ އަދި ނުޒޫއާއި އެކު ލީޑް ރޯލުންނެވެ. މިއީވެސް ޖުމަލްގެ މޮޅު އެކްޓިންގްއެއް ފެނިގެންދާނެ ފިލްމެއްކަމަށް ފިލްމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް ދަނީ ފާހަގަކުރަމުންނެވެ.ކޮންމެއަކަސް ޖުމަލްގެ ޑިމާންޑު ބޮޑެވެ. ގިނަ މަސައްކަތްތަކެއް މިއަންނަނީ ލިބެމުންނެވެ. ފިލްމު އުފައްދާ މީހުންގެ އިތުބާރު ޖުމަލް މިވަނީ ހޯދާފައެވެ. އެހެންކަމުން މިހާރު ފިލްމީ ދާއިރާގައި ސާބިތުވެ ހުރި "ހީރޯ" އަކީ ޖުމަލްއޭ ދެންނެވުން ކުށަކަށް ނުވާނެއެވެ.
ދިވެހި ފިލްމީ ދާއިރާގެ ހީރޯ - ޖުމައްޔިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ