ޕްރީ ސްކޫލް ޓީޗަރުން ދާއިމީ ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި

ހުރިހާ ސްކޫލެއްގެ ޕްރީ ސްކޫލު ޓީޗަރުން މި އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެ ޓީޗަރުން ދާއިމީ ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ދެއަހަރު ކުރިން ޕްރީ ސްކޫލްތައް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވީ ނަމަވެސް ޕްރީ ސްކޫލް ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެއް ނުވެއެވެ. ޕްރީ ސްކޫލް ޓީޗަރުން މަސައްކަތް ކުރަމުން އައީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެކު ދެއަހަރުގެ ކޮންޓެކްޓެއްގައި ސޮއި ކޮށްގެންނެވެ. ނަމަވެސް މިދިޔަ އަހަރު ނިމުމާއި އެކު އެކޮންޓެކްޓްގެ މުއްދަތު ވަނީ ހަމަވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ ޕްރީ ސްކޫލް ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، އެ މީހުން ދާއިމީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި 800-1000 ދެމެދުގެ ޓީޗަރުން އެބަތިއްބެވެ.
ޕްރީ ސްކޫލް ޓީޗަރުންގެ ކޮންޓެކްޓް ހަމަވެފައި ވާތީ އެޓީޗަރުންނަށް އަލުން ވަޒީފާ ހަމަޖެއްސުމަށްޓަކައި މިހާރު ވަނީ ޕްރީ ސްކޫލް ޓީޗަރުން ހޯދަން ގިނަ ސްކޫލްތަކުން އިއުލާން ކޮށްފައެވެ. ފާއިތުވި ދެހަފްތާއެއްގައި ދުވަސްތެރޭގައި އިއުލާން ކޮށްފައިވާ 400 ޓީޗަރުންގެ ވަޒީފާގެ ތެރޭގައި ވެސް ގިނައިން ހިމެނެނީ ޕްރީ ސްކޫލް ޓީޗަރުންގެ ވަޒީފާ އެވެ.
އަދި ކުރިއަށް އޮތްތަނުގައި އިތުރު ޓީޗަރުން ހޯދަން އިއުލާނު ކުރާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ