މެމްބަރު ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރު ކޮށްފި

ފުލުހުން، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ފާރިސް މައުމޫން ހައްޔަރު ކޮށްފައިވަނީ އެމަނިކުފާނުގެ ގެކޮޅު މ. ސްނޯރޯސްގައި ހުންނަވަނިކޮށް ދާދި ދެންމެއަކު ކަމަށް އާއިލާއިން ކަށަވަރުކޮށް ދެއެވެ.
ގޭގެ ދޮރުގައި މީހަކު ޓަކި ޖެހުމުން ދޮރު ހުޅުވުމާއެކު އެސްއޯ ފުލުހުން ވަދެ ފާރިސް ގެންދިޔައީ ކަމަށްވެސް އާއިލާއިން ބުނެއެވެ.
އެތައް ދުވަހަކު ޖަލު ބަންދުގައި ބެހެއްޓުމަށްފަހު ފާރިސް މައުމޫން މިނިވަން ކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ.
ފާރިސް މިނިވަންކުރީ، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަންދުން މިނިވަންކުރުމަށް އަމުރުކުރި ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސް ހިމެނޭތީ ކްރިމިނަލް ކޯޓުން ފާރިސްގެ ބަންދަށް ޖެހި 15 ދުވަހުގެ މުއްދަތު ބާތިލްކޮށް އޭނާ މިނިވަންކުރަން ފުލުހުންނަށް އަމުރުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން އެންމެ ފަހުން ފާރިސްގެ ބަންދަށް މުއްދަތު ޖެހީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދީގެން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުއްވި ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
ފުލުހުން ކުރާ ތުހުމަތުތަކަށް ފާރިސް ގެންދަވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެެވެ.
ފާރިސް މައުމޫން މިނިވަންކުރި ދުވަހުގެ ކުރީރޭ ފުލުހުން ވަނީ ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ.
މައުމޫންގެ މައްޗަށް ތުހުމަތުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދީގެން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތެވެ. ނަމަވެސް މައުމޫންވަނީ މި ތުހުމަތުތަކާ އިންކާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ