ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމް ކުރާނަން ސަރުކާރު
ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށާއި، ރޭގެ އަމުރުގެ ސައްހަކަން ސާފު ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ދިވެހި ސަރުކާރުގެ ފަރާތުން ވިދާޅުވެއްޖެއެވެ.ދިވެހި ސަރުކާރުގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އަދި އެމަނިކުފާނު ވަނީ، މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ކެތްތެރިކަމާއި ކިޔަމަންތެރިކަން އިސްކުރައްވައި، މި ވަގުތަކީ ޤައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ ހާލަތެއް ކުރިމަތިވެދާނެ ވަގުތަކަށްވާތީ ހުރިހާ ބޭފުޅުން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވުމަށާއި، ޤާނޫނީ އިމުގެ ތެރޭގައި ހުރިހާ ބޭފުޅުންވެސް ހަރަކާތްތެރިވެވަޑައިގެންނެވުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ސުލްހައަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހުރިހާ ބޭފުޅުންވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކީގައި ކުރިއަށް އޮތް ވަގުތުތަކުގައި ސަލާމަތީ ބާރުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް ޑިފެންސް މިނިސްޓަރ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.މިނިސްޓަރ އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އަބަދުވެސް ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ދިވެހިރާއްޖޭގައި ފައްކާވަމުން މިދާ ޑިމޮކްރެސީއަށް މަގުފަހި ކޮށްދިނުމާއެކީގައި ޤައުމުގެ ސުލްހަ މަސަލަސްކަމާއި ޤައުމުގެ ތަރައްޤީއާއި މި ޤައުމު އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ރާވާފައި ހުރި ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ލިބިވަޑައިގެންނެވި އަމުރުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، މި އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ކުރިން ސަރުކާރުން ބައްލަވަންޖެހޭ އިޖުރާއާތުތަކާއި ކުރަންޖެހޭ މަސައްކަތްތައް ބެއްލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ