28 ރަށެއްގެ އިންޖީނުގެ "ރީލޮކޭޓް" ކުރަނީ

މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު 28 ރަށެއްގެ އިންޖީނުގެ ބަދަލުކުރާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ބައެއް ރަށްރަށުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޖީނުގެ ހުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫ ވާކަމަށާއި އެހެންކަމުން އިންޖީނުގެތަށް މީހުން އުޅޭ ސަރަހައްދާ ދުރު ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް، އިސްކަން ދީގެން ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ. އަދި ކޮންމެ އިންޖީނުގެއަކަށް ގާތްގަޑަކަށް 4 މިލިއަން ރުފިޔާއާއި 5 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޚަރަދުވާނެ ކަމަށް ބެލެވެއެވެ. ފެނަކައިން ރާއްޖޭގެ 151 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާއިރު އެކުންފުނިން ބުނީ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ ރަށްރަށުގެ ޖަނަރޭޓަރުތައް އޯވަހޯލްކުރުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިމަސައްކަތުގެ ދަށުން މިއަހަރު ބަދަލުކުރުމަށް ނިންމާފައިވާ 28 ރަށުގެ އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ ޕްރީ ފްބްރިކޭޓްކޮށް، ރާއްޖެއިން ބޭރުން ގެނެސް ރާވާލެވޭ ގޮތަށެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ ފެނަކައިން އެންމެ އިސްކަންދީގެން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ އެއް މަޝްރޫޢުއަކީ އިންޖީނުގެތަށް ރީލޮކޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް ހަމަޖައްސާފަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 10 ރަށުގެ އިންޖީނުގެ ރީލޮކޭޓް ކުރުމަށް ވަނީ ނިންމާފައެވެ.
ފުރަތަމަ ފޭސްގައި 10 ރަށެއްގެ މަސައްކަތް އިޢުލާން ކުރުމުގެ މަގުމަތީގައިވާ ކަމަށާއި ބިމުގެ ރަޖިސްޓްރީ ހަދާ އީއައިއޭ ހެދުމުގެ މަސައްކަތް އެބަ ކުރިޔަށް ދާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބެކަޕް ޖަނަރޭޓަރުތަށް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ