ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާތީ ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރުމަށާއި އެކަމާ ގުޅޭގޮތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީތަކަށް ޖަވާބު ހޯދުމަށް މިއަދުވެސް ވަނީ ވަޑައިގެންފައެވެ.
ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ފަރާތުން ވެސް ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ކަަމަށާއި އަދި ޕާޓީތަކުގެ ލީޑަރުންވެސް އެމައްސަލަ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަަމަށެވެ.
އޭނަ ވިދާޅުވީ މިއަދު އަނެއްކާވެސް މިކަމާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކީ 12 މެމްބަރުން މަޖިލީހަށް ނުވައްދާތީ މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިފައިވާ މައްސަލަ ކަމަށެވެ. މިކަމުގައި ހައްލެއް ހޯދައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކަމަށެވެ.
"މެމްބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުއަސާސީއާ ޚިލާފަށް އަޅާފައި އޮތް ހުރަހުގެ ސަބަބުން ދައުލަތާއި އާންމު ރައްޔިތުންނާއި ޕާޓީތަކާއި ވަކިވަކި ފަރުދުންގެ ހައްގުތަކަށް ވަރަށް ބޮޑަށް އުނިކަން ލިބިގެންދޭ. އަދި ދުސްތޫރީ ނިޒާމަށްވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ނުރަގަޅު އަސަރު ކުރޭ. އެހެންކަމުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ސުޕްރީމް ކޯޓުގައި މިއަދު އަޅުގަނޑުމެން މިއެދުނީ" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަށް ސުޕްރީމް ކޯޓުން މިކަމަށް ހައްލެއް ހޯދައިނދިނުން ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ގާނޫނުތަކުގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީސް ހިންގޭނެ ގޮތް ވީހާވެސް އަވަހަކަށް ވުން ކަމަށެވެ.
މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ