ކުއްލި ނުރައްކާ ދަމަހައްޓާނަމަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހޭނެ: ގާސިމް އިބްރާހިމް

ރާއްޖޭގައި އިޢްލާން ކޮށްފައިވާ ޣައިރުގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި ދަމަހައްޓާނަމަ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ބަނޑަށް ޖެހޭނޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބޭސްފަރުވާއަށް މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ބުރާސްފަތި ދުވަހުގޭ ވީޓީވީ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އެހެން އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު، ފަތުރުވެރިން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތަކުގެ %50 މިހާރު ދަށްވެއްޖެ ކަމަށެވެ. ރާއްޖޭގައި އަގު ބޮޑުކޮށް ވިއްކާ ރިސޯޓްތަކާއި، މެދުފަންތީގެ ރިސޯޓްތައްވެސް މިހާރު ހުސްވުމާ ގާތަށް ހިނގައްޖެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"މާޗްމަހުގެ ތެރޭގައި ފެންނަނާނެ ރާއްޖޭގެ އޮކިއުޕަންސީ ދަށްވެފައި އޮންނަވަރު، ބަލަން ތިއްބަވާ. ނަތީޖާއަކަށް ވާނީ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހިގެން ދިއުން. މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިގެންދާތަން ރައްޔިތުންނަށް ފެންނާނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، މިކަން މިގޮތަށް މިހިނގަނީ ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި ދަމަހައްޓާފަ އޮތީމަ ކަމަށާއި، މިއީ ނިނުމެއް އޮތްކަމެއް ނޫންކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތެއް ރާއްޖޭގައި ހަގީގަތުގައި ނުވެސް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
"ކުރުކޮށް ދަންނަވާނަމަ ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމަތެއް ނެތް. މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިގެންދާތަން ފެންނާނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެންމެ މީހެއްގެ ހައްގުގައި ދިވެހިން ހަލާކުވެދާކަށް ނުޖެހޭނެ ކަމަށެވެ.
"މިފެންނަނީ ހިތާމަވެރި މަންޒަރުތަކެއް. މިހާރު އޮތީކީ ސައްހަ ކުއްލި ނުރައްކަލުގެ ހާލަތެއްނޫން. ގާނޫނުއަސާސީގައި ކަނޑައަޅާއި ބުނެފައި އޮންނާނެ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރެވޭ ސަބަބު. ވަކި ފަރުދަކު ހައްޔަރުކުރުމަށް މިހާލަތު އިޢްލާން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަނެއްކާ މިހާލަތު ދަމަހައްޓަން މަޖިލީހުން ވޯޓަށް އެހިއިރު 43 މެމްބަރުން ހަމައެއްނުވޭ. މަޖިލީހުގައި ހިންގެވީވެސް ޣައިރުގާނޫނީ އަމަލެއް" ގާސިމް ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބަންދުކުރި އެއްވެސް މީހަކީ މިހާރު ބަންދުގައިހުރި މީހެއްނޫން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ބަންޑާރަނާއިބާއި، ޕީޖީ އަންގަވާ ގޮތަކަށޭ ކަންތައް ކުރައްވާނޭ ވިދާޅުވި ނަވާޒް މިއަދު އެބޭފުޅުން ލަފާ ދެއްވީމާވެސް އެގޮތަށް އަމަލު ނުކުރައްވާކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން ޖުޑިޝަރީއަށް ބާރާއި ނުފޫޒު ފޯރުވަމުންދިޔަ މިންވަރު، ސުޕްރީމް ކޯޓުން ނެރުއްވި އަމުރުންވެސް ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1 ގައި ނެރުއްވި އަމުރުން ވަރަށް ސާފުކޮށް އެނގޭ، ސަރުކާރުން ތަހްގީގުތަކަށާއި ޝަރީއަތްތަކަށް ނުފޫޒު ފޯރުވައިގެންކަން ކަންކަން ކޮށްފައިއޮތީ. އެހެންވެ، އަލުން އަދލުވެރި ތަހްގީގެއް ހިންގައި ނުފޫޒުން އެއްކިބާވެފައިވާ ޝަރީޢަތެއް ހިންގުމަށް އަމުރު ކޮށްފައި އެއޮތީ. ހައިރާނެއްނުވޭ މިއަދުވެސް އެކަން ސަރުކާރުން ކުރާތީ. އެއީ ވަރަށް ސާފުކޮށް އެނގޭން އޮތްކަމެއް، ގާނޫނުއަސާސީގެ ބޭރުންކަން ކަންކަން ކުރަމުންދަނީ" ގާސިމް ވިދާޅުވިއެވެ.
ފަނޑިޔަރަކު ވިޔަސް، އެހެން މީހަކު ވިޔަސް، މިފެންނަނީ ސަރުކާރު ނުރުހޭކަމެއް ކޮށްފިއްޔާ ޖަލަށް ލައި، ބަދުނާމުތައް ބޮލުގައި އަޅުވައި، ހަގީގަތެއްނެތް ކަންތައް ބޮލުގައި އަޅުވައި އަބުރާ އިއްޒަތް ނަގާލަމުންދާތަން ކަމަށާއި، މިއީ އެންމެ މީހަކު ވެރިކަމުގައި ހުރުމަށް ކުރެވެމުންދާ ކަންތައްތައްކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
ވަކި ފަރާތެއްގައި ތިއްބެވި މެމްބަރުންނަށް ނުބައްލަވައި، ރައްޔިތުންގެ މަޖިލީސް މެމްބަރުން އެބޭފުޅުން ކުރައްވަގެން ތިއްބެވި ހުވަޔާމެދު ވިސްނެވުމަށާއި، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނުއަސަސީއާއި ގާނޫނުތައް ނެގެހެއްޓުމަށާއި، ދިވެހި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކުރައްވާ ހުވަޔާ އެއްގޮތަށް އަމަލުކުރެއްވުމަށްވެސް ގާސިމް ގޮވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ރައްޔިތުން އިންތިޚާބުކުރާ އެހެން މަގާމެއްގައި ހުންނަވާ ބޭފުޅަކުވެސް ހުންނަވަނީ ހުވައެއް ކުރައްވައިގެންކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީނު ހިންގަވާފައިވާ ކަމަށް އަމިއްލަފުޅަށް އިޢްތިރާފު ވެފައިވާ ޚިޔާނާތްތައް ތަހްގީގު ކުރުމަށްވެސް ގާސިމް ފުލުހުންނަށް ގޮވާލެއްވިއެވެ.
"ފުލުހުންނާއި ސިފައިންގެ އިސް ބޭފުޅުންނަށް ވިސްނިވަޑައި ގަންނަވަން ޖެހޭނެ. ޔާމީނު ވެރިކަމަށް ގެންނަން އެބޭފުޅުން އަޅުގަނޑާ ވާހަކަ ދެއްކެވީ. ޔާމީނު ވެރިކަމަށް ގެންނަން އަޅުގަނޑާ އެންމެ ގިނައިން ވާހަކަ ދެއްކެވި ޖުޑިޝަރީގެ ބޭފުޅުން މިއަދު އެ ތިއްބެވީ ޖަލުގަ. އަޅުގަނޑު އޭރުވެސް ދެންނެވިހެން މިހެންނޭ ވާނޭ. އެކަމަކު މުއައްސަސާތަކުގެ ހައްގުގައި އެބޭފުޅުން ދެންނެވީމާ ތާއީދު ދިނީ. އެ މުއައްސަސާތަކުގެ ވެރިން މިއަދު ވިސްނަންޖެހޭ، ގާނޫނީ ހުކޫމަތެއް، އަދުލުއިންސާފެއް މިތާނު މިހާރު ނެތްކަން. ގާނޫނުއަސާސީވަނީ އޮޅާލާފައިކަން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ސަރުކާރުން އެމަނިކުފާނާ ބެހޭގޮތުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އެމަނިކުފާނު ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އެއީ ރޯ ދޮގު ވާހަކަތަކެއް ކަމަށެވެ.
ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ދަރިފުޅުވެސް ގެންގޮސްފައި ހައްޔަރު ކޮށްފައި އެހުރީ އެހުރީ ބަޔަކު ރާވައިގެން ކަމަށެވެ.
"އެމީހުން އެ ތުހުމަތުކުރާ އެއްވެސް ކަމެއް އަޅުގަނޑުގެ ދަރިފުޅު ކޮށްފައެއް ނޯންނާނެ. އެއީ އޭނާ ފްރޭމްކުރަން ކޮށްގެން އުޅޭ ކަމެއް. އެކަމަކު އޭނާގެ ކުށެއް ނެތްކަން ދިވެހި ރައްޔިތުންނަށް ސާބިތުވެގެން ދާނެ" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ