ޅެންވެރިކަމުގެ ފަންނު އަންނަން އޮތް ޖީލުތަކަށް ވާޞިލްކޮށްދޭންޖެހޭ: ރައީސް

ޅެންވެރިކަމުގެ ފަންނު އަންނަން އޮތް ޖީލުތަކާ ހަމައަށް ވާޞިލްކޮށްދޭން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ 32 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ޅެންވެރިންނަށް އަރިސްކުރައްވާފައެވެ.
ޅެންވެރިންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއްކަމަށެވެ. އަދި މިއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއްކަން ފާހަގަކުރައްވައި، މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޅެންވެރިންގެ ދުވަސް ނިސްބަތްކުރެވެނީ މަޝްހޫރު ޅެންވެރިޔާ އަދި ދިވެހި އަދީބު އަލްއުސްތާޛު އިބްރާހީމް ޝިހާބަށެވެ. ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ އެމަނިކުފާނު ދެމިއޮތުމުގެޢާލަމަށް ދަތުރުކުރެއްވި ދުވަހެވެ.
ސަރުކާރުން ވަނީ 1988 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހގަކުރުމަށް ކަނޑައަޅުއްވާފައެވެ. އެއާގުޅިގެން ކޮންމެ އަހަރެއްގައިވެސް މިދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރިންގެ އަގުވަޒަންކޮށް ޅެންވެެރިކަން ދިރުވައި އާލާކޮށް، ޅެންވެރިންނަށް ހިތްވަރުދޭ ދުވަހުގެ ގޮތުގައެވެ.
ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ އައްނަބީލާ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ހަނދާނަށެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ " ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." މިއެވެ. މިއީ އައްނަބީލާ ފާޠިމަތު ސަޢީދު "އޭ ދިވެހި ޤައުމާއެވެ!" މި ސުރުޚީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަހާ ގުޅިގެންވެސް ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ދުވަހުގެ ޚާއްސަ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ