ކުޅިވަރުގެ ދާއިރާގެ ޒުވާނުންނަކީ ދީނީ އަދި އަހުލާގީ ގޮތުން ނަމޫނާއަކަށްވުމަށް ރައީސް ގޮވާލައްވައިފި

ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަކީ ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ރިވެތި ނަމޫނާއަކަށްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ނޭޝަނަލް މާޝަލް އާޓްސް ސެންޓަރާއި ހުޅުމާލެ ޓީީޓީ ހޯލް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ ރަނގަޅު އަހުލާގެއްގެ މަތީގައި ސާބިތުވެހުރުންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
ސަރުކާރުން ތަރައްގީކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު ގައުމަށް ރީތި ނަން ހޯދައިދޭން ގަދަ އަޅައި މަސައްކަތް ކުރުމަށް ރައީސް ސޯލިހު ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނާއި އެ މީހުންގެ ބެލެނިވެރިންނަށް ގޮވާލައްވާފައިވެ އެވެ.
ޒުވާނުންނަކީ ދީނީ އަދި އަހުލާގީ ގޮތުން ނަމޫނާއަކަށްވުމަށް ރައީސް ގޮވާލައްވައިފި---ފޮޓޯ:ރައީސް އޮފީސް
ޒުވާނުންނަކީ ދީނީ އަދި އަހުލާގީ ގޮތުން ނަމޫނާއަކަށްވުމަށް ރައީސް ގޮވާލައްވައިފި---ފޮޓޯ:ރައީސް އޮފީސް
އެގޮތުން ކޮންމެ ކުޅުންތެރިއަކީ ވެސް ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް ގޮވާލެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް ވަސީލަތްތައް ތަރައްގީކޮށްދީ ކުޅުންތެރިން އުފައްދައިގެން ކަމަށެވެ. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
ޒުވާނުންނަކީ ދީނީ އަދި އަހުލާގީ ގޮތުން ނަމޫނާއަކަށްވުމަށް ރައީސް ގޮވާލައްވައިފި---ފޮޓޯ:ރައީސް އޮފީސް
އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވީ، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަށާއި ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުމަށް ވިސްނައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ކުޅިވަރުގެ މައިދާނުގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މިހާތަނަށް ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ ޙަޤީޤަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ކަން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ