ޔުނިވާސަލްގެ ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ.
އުމުރުން 68 އަހަރުގައި ޑރ. އުމަރު މަނިކު، އަވަހާރަވީ މި ފަހުން ކުރިމަތިވެ ވަޑައިގެންނެވި އާލާސްކަންފުޅެއްގައި އައިސީޔޫގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އަދި ހާލުކޮޅު ގޯސްވުމުން އަނެއްކާވެސް ސިންގަޕޫރުގެ އެލިޒަބަތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް، އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ އަކީ ޔުނިވަރސަލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅެެވެ. ޔުނިވާސަލްގެ ޑައިރެކްޓަރެއްގެ ގޮތުން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޑރ. މަނިކަކީ ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ވެރިޔާއެވެ. އަދި ޔުނިވާސަލް ރިސޯޓްތަކުގެ ހިއްސާ އޮތުމުގެ އިތުރުން ޑރ. މަނިކުގެ އަމިއްލަ ތިން ރިސޯޓެއް ވެސް ރާއްޖޭގައި އޮވެއެވެ.
ޑރ. އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު ވެސް މެއެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައެވެ.
ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަ ވި އިރު ދުނިޔޭގައި އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ