ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުގެ ލަފައާ އިރުޝާދާ އެއްގޮތަށް އަމަލުކޮށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކޮށްފި ނަމަ މިހާރު ކުރިމަތިވެފައިވާ ބަލި މަޑުކަމުން އަރައިގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގައި ހޭދަކުރެއްވި 30 އަހަރުގެ ތެރޭގައި ކުރިމަތިވެވަޑައިގެންނެވި ކާރިސާތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން، ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ، އޭރު އެ ދިމާވި ކާރިސާތަކުން ސަލާމަތްވީ ރައްޔިތުންގެ އެހީ އާއި އެއްބާރުލުން ލިބިގެން ކަމަށެވެ. އެމަނިކުފާނު ވެރިކަމުގެ ހަތަރު ވަނަ އަހަރު، 1982 ވަނަ އަހަރު، ރާއްޖޭގައި ޝިގެއްލާ ފެތުރި 13،000 މީހުންނަށް އެ ބަލި ޖެހި 197 މީހުން މަރުވި އެވެ.
އޭގެ ފަހުން 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތި ސުނާމީގައި ވެސް ބޮޑު ގެއްލުމަކާ ކުރިމަތިވެ 82 މީހުން މަރުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި އޭރު ދިމާވި ކަންތައްތަކުން އަރައިގަނެވުނީ ރައްޔިތުންގެ ފަރާތުން ދިން އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ.
"މި ކަންތައްތަކުގެ ތަޖުރިބާއިން އަޅުގަނޑަށް ވިސްނުނު އެއްޗަކީ ދިވެހި ރައްޔިތުންނަކީ މިކަހަލަ ކަންތައްތަކުގައި ވަރަށް ބޮޑަށް ގައުމީ ރޫހެއްގައި އެއްބާރުލުން ދެއްވައިގެން ގައުމަށްޓަކައި މަސައްކަތްކުރައްވާ ބައެކޭ. އެހެންވީމަ ދިވެހި ރައްޔިތުންގެ އެހީ އާއި އެއްބާރުލުން އަޅުގަނޑަށް ވަނީ އެ ހާދިސާތަކުގައި ލިބިފައި. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ކަންތައްތަކުން އަރައިގަނެވުނީ މާބޮޑު ގެއްލުންތަކެއް ނުލިބެ. އެކަންތައްތަކުން އަރައިގަތުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބުނު،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު އަޑުއަހައި އެއަށް އަމަލުކުރަން އެދިވަޑައިގެންފަ އެވެ. އޭރުން މިހާރު ފެތުރިގެން އުޅޭ ބަލިމަޑުކަމުން އަވަހަށް އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މިއަދުގެ ވެސް އިލްތިމާސް އަކީ ދިވެހި ރައްޔިތުން ވީހާ ވެސް އެއްބައިވަންތަކޮށް ތިއްބެވުން. ހުރިހާ އެންމެން ވެސް އެކަތިގަނޑަކަށް ވެގެން އެއް ރޫހެއްގައި މަސައްކަތްކުރެއްވުން... އަޅުގަނޑުމެން އެބަ ޖެހޭ މަސައްކަތްތަކެއް ކުރަން، މަސައްކަތް ކުރާއިރު އޭގެ ފައިދާ ވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން. އެންމެން އެކުވެރިކަމާ އެކު މަސައްކަތްކޮށްގެން އަދި ހިތްވަރުކުރަންޖެހޭ. އަޒުމްގަދަ ކުރަންޖެހޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި ތަފާތު ކާރިސާތަކާ ދިމާވާނެ ކަމަށާއި އެފަދަ ހާލަތްތަކުގައި ކެތްތެރިވާން ޖެހޭނެ ކަމަށެވެ. ހިތްވަރުކޮށް، މާތްﷲ އަށް ވަކީލުކޮށް ހެޔޮ އަމަލުތައް ކުރުމުގައި ދެމި ހުންނެވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އެކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ސިއްހީ މާހިރުން ދެއްވާ ލަފަ އާއި ނަސޭހަތް އެންމެން ވެސް ގަބޫލުކޮށްގެން އެއާ އެއްގޮތަށް އަމަލުކުރުން ކަމަށް ވިދާޅުވި އެވެ.
ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުތްކަމުގައި ވިއަސް ބަޔަކާ ބައްދަލުވާއިރު ދުރުމިން ބަހައްޓައި، ގެއަށް ވަނުމަށްފަހު އަތްދޮވެ، ގޭ ސާފުތާހިރުކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ. އޭރުން މި ކަންތައްތަކުން އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67 އަށް އަރައިފަ އެވެ. އޭގެ ތެރެއިން މާލެއިން އެ ބަލީގެ ފުރަތަމަ މީހާ މިދިޔަ ބުދަ ދުވަހު ފެނުނު ފަހުން ވަނީ މާލެ ސަރަހައްދު ބަންދުކޮށްފަ އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ވަރަށް އެ ބަލި ހިފެހެއްޓިފައި ވަނީ ރަސްމީ ފަރާތްތަކުން ރަނގަޅު ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ކަމަށެވެ. އެ ފިޔަވަޅުތައް ނޭޅި ނަމަ ހާލަތު މާ ބޮޑަށް ގޯސްވީސް ކަމަށް ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ވެސް އަމިއްލަ ޒިންމާއެއްގެ ގޮތުގައި އެކަންތައްތައް ދެކި، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
އެންމެން ގުޅިގެން މަސައްކަތްކޮށް ކޮވިޑ-19 އިން އަރައިގަނެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ