ކޮވިޑް-19: އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް ގާއިމްކޮށްފި

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި މިއަދު ގާއިމްކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގަައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސަން މީގެ ކުރިން ތިން ކްލިނިކެއް މާލޭގައި ހުޅުވި އެވެ. ރާއްޖެއިން ބޭރުން އަންނަ މީހުންނަށް ޚާއްސަ ކްލިނިކަކާއި ބޭރަށް ނުދާ މީހުންނަށް ޚާއްސަ ކްލިނިކެއްގެ އިތުރުން ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ވެސް ކްލިނިކެއް ގާއިމްކުރި އެވެ. މާލޭ ހިޔާ 2 ފުރަގަހުގައި ހުޅުވި ކްލިނިކް މިއަދު ވަނީ ފްލޫ ކްލިނިކަކަށް ބަދަލުކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް އައިޖީއެމްއެޗްގައި ގާއިމްކުރި ކްލިނިކުން އާންމު ބަލިތަކަށް ފަރުވާ ދޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރު 1 އާ ހަމައަށް އެތަނުން ޚިދުމަތް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެޕޮއިންޓްމެންޓެއް ނަހަދާ މިތަނަށް މި ބޭފުޅުންނަށް ވަޑައިގެންނެވޭ ގޮތަށް ހަމަޖެހިފައި އޮންނަނީ." މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި 23 ކްލިނިކެއް ގާއިމް ކުރިއިރު 5،900 އަށް ވުރެ ގިނަ މީހުންނަށް އެތަންތަނުން ފަރުވާ ދީފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު މިހާތަނަށް ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ