ބައެއް ކަންކަމާ ހިޔާލު ތަފާތުވެގެން މެމްބަރު ސައުދު ވައިބަ ގްރޫޕުން ނުކުމެއްޖެ

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބަ ގްރޫޕުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ނުކުމެއްޖެ އެވެ.
ސައުދު "މިހާރު" އަށް ވިދާޅުވީ ވައިބަ ގްރޫޕުން އޭނާ ނުކުމެވަޑައިގަތީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަޝިޕާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގައި ކަމަށެވެ. އޭގެ ތެރޭގައި އެ ގްރޫޕްގައި މެމްބަރުން ދައްކަވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތައް ލީކުކުރުން ފަދަ ކަންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންނާ ހިޔާލު ތަފާތުވުންތައް އުޅުނަސް ރައީސް ޔާމީނާއި ސަރުކާރަކާ އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް ނެތް،" ސައުދު ވިދާޅުވި އެވެ.
ސައުދު އަމިއްލަ އަށް ވައިބަ ގްރޫޕް ދޫކޮށްލެއްވިއިރު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ވޯޓު ދެއްވި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން އެ ވޯޓަށް މަޖިލިހަށް ވަޑައިނުގެންނެވި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) ވެސް ވަނީ ޕީޕީއެމް ޕީޖީ ގުރޫޕުން ބޭރުކޮށްފަ އެވެ. މީގެ ތެރެއިން މުސްތަފާ ވައިބަ ގުރޫޕުން ބޭރުކޮށްލީ ބިލް ފާސްކުރުމުގެ ވޯޓުގެ ކުރިންނެވެ. އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ދެކޮޅަށް ވައިބަ ގުރޫޕްގައި އޭނާ ވާހަކަ ދައްކަވާތީ އެވެ. މީގެ އިތުރުން ކެބިނެޓުގެ މެމްބަރުން ހިމެނޭ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބަ ގްރޫޕުން ވެސް ސަލީމް މިއަދު ވަނީ ނުކުމެފަ އެވެ.
ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ބިލް ފާސްކުރަން ނެރުނު ތްރީލައިން ވިޕާ ޕީޕީއެމްގެ ހަތް މެމްބަރަކު ވަނީ ހިލާފުވެފަ އެވެ. އަދި އެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ރަޝީދު ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ