ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރިއަށްދާ، ޚިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމާ ބެހޭ ބިލާ ދެކޮޅަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަދި ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުހަންމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.
"މި ބިލަކީ ނޫސްވެރިންނަށް ފަހިވާ ގޮތަށް އޮތް ބިލެއް ނޫން،" ނޫސްވެރިކަމުގެ މިނިވަންކަމަށް ގިނަ މަސައްކަތްތަކެއް ކުރިން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
މި ބިލްގައި ހުރި މައިގަނޑު ތިން މައްސަލައެއް ނަޝީދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިފާއުވުމުގެ ފުރުސަތު ނެތުމާއި، ޕޯޑިއަމްތަކުގައި ދެކެވޭ ވާހަކަތައް ރައްދުވާ ފަރާތްތަކުގެ ބަހެއް ނެތި ރިޕޯޓް ކުރެވޭނެ ގޮތެއް ނެތުމާއި ޖޫރިމަނާ އެއީ އިދާރީ ކަމެއްގެ ގޮތުގައި އޮވެ، އެ ޖޫރިމަނާ ނުދައްކައި އިސްތިއުނާފަށް ދިއުމުގެ މަގު ބަންދުވެފައި އޮތުމެވެ. މީގެ އިތުރުން އެހެން ބައެއް މައްސަލަތައް ވެސް އެބަހުރި ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ އެކަންކަން ކޮމެޓީ މަރުހަލާގައި އޭނާ ފާހަގަކުރައްވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ، އަބުރު ރައްކާތެރިކުރުމަކީ ވެސް ކުރެވެން ޖެހޭ ކަމެއް ކަމަށާއި ހަމަ އެހެންމެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް އެއީ އޮންނަން ޖެހޭ ކަމެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ފުރަތަމަ ކަމަކީ، ބިލްގައި އޮތް ގޮތުން ދައުވާކުރާ މީހާ މައްސަލަ ސާބިތުކުރުމުން އެ މައްސަލަ ރައްދުވާ މީހާ ކުށްވެރިވާ ކަމަށާއި އެކަމަކު ރައްދުވާ މީހާ އަށް ދިފާއުވުމުގެ ފުރުސަތު ނެތުމަކީ ނޫސްވެރިންނަށް ފަހިކޮށް އޮތް ކަމެއް ނޫން ކަމަށެވެ. އެތައް ބައިވަރު އަދަބުތައް އިދާރީ ގޮތުން އޮވެ، 50،0000ރ. އިން ފެށިގެން ދެ ލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެބަ އޮތް ކަމަށާއި އެ ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކުރެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހު ކަމަށް ބުނެފައި އޮތް އޮތުން ވެސް އޭނާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ޓެކްސްއާ ބެހޭ ގާނޫނުތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި ގޮތުގައި ޓެކްސްގެ ޖޫރިމަނާތަކުގެ މައްސަލަތައް އެ ޖޫރިމަނާ ނުދައްކައި އިސްތިއުނާފު ނުކުރެވޭ ގޮތަށް އޮތީ އެއީ ދައުލަތަށް ލިބެން ޖެހޭ އާމްދަނީއަކަށް ވާތީ އެވެ. އެކަން އެގޮތަށް އޮތީ ދައުލަތަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަންނަން ބޭނުން ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލްގައި، ބައެއް ވާހަކަތައް ރިޕޯޓްކުރުން މުޅިން ނެތިގެން ހިނގައިދާނެ ކަމަށް އިޝާރާތްކުރައްވައި އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ޕޯޑިއަމްތަކުގައި އެކި މީހުން ދައްކާ ވާހަކަތަކެވެ. ވިދާޅުވީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓްކުރަން ނަމަ މި ބިލްގައި އޮތް ގޮތުން އެ ރައްދުވާ މީހާގެ ބަހެއް ނެތި ޝާއިއެއް ނުކުރެވޭނެ އެވެ. ނަމަވެސް އެހެން ގައުމުތަކުގައި އެކަން އޮންނަނީ އެހެން ނޫން ކަމަށާއި އޭނާ އަށް ފަހުން ނަމަވެސް ކޮމެންޓްކުރުމުގެ ފުރުސަތު ދިނުމުން މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"... އެއީ އެއް ދުވަސް ދެ ދުވަސް ފަހުން ވިޔަސް އެ ފުރުސަތު އެ މީހަކަށް ދޭން ޖެހެނީ،" ގާނޫނީ ވަކީލުކަން ކުރައްވައި، އަދި ވަރަށް ގިނަ ގާނޫނުތައް ވެސް ޑްރާފްޓް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.
މިއީ ނޫސްވެރިންނަށް ފަހިވާ ގޮތަށް އޮތް ބިލެއް ނޫޫން ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ. އަދި ޚިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމަކީ ދެކޮޅަށް ދާ އެއްޗެއް ކަމަށާއި އެ ދެ މައްސަލަ ހައްލުކުރެވޭނީ ވަރަށް ނާޒުކު މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަބުރުގެ ބިލަށް މެމްބަރު ނަޝީދު ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ