ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މާގިނަ ބުރުތަކެއް ނޯންނާނެ ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ތިނެކާއިއެކީ" މި ނަމުގައި އެތައް ހާސް ބަޔަކާއިއެކު ރޭ ހެންވޭރު ބައިބަލާ ކުޅޭ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް 50 އިންސައްތައަށް ވުރެ މާ ގިނަ ވޯޓު ލިބޭނެ ކަމަށާއި އެހެންކަމުން "ދެވަނަ ބުރަކަށް، ތިން ވަނަ ބުރަކަށް، ހަތަރުވަނަ ބުރަކަށް" ދާކަށް ނުޖެހޭ ކަމަށެވެ.
އިންތިހާބު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އިސްލާމް ދީނަށް ފުރައްސާރަކުރާ ބަޔަކަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖަހައި ބަޔަކާއި ޕީޕީއެމްއިން ނުގުޅޭނެ ކަމަށާއި ޕީޕީއެމްއަކީ މާތްވެގެންވާ އިސްލާމް ދީނަށް އިހްލާސްތެރި އަދި ވަފާތެރި ބަޔަކަށްވާތީ އިސްލާމް ދީނުގެ އަސްލާއި ދެކޮޅަށް މަސައްކަތްކުރާ ބަޔަކާއި އެއްވެސް ހާލެއްގައި ނުގުޅޭނެ ކަމަށެވެ.
ނަމަވެސް ޕީޕީއެމް އާއި އެއްގޮތް ފިކުރު ހުރި ބަޔަކާއި ދެވަނަ ބުރުގައި ގުޅޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"ރާއްޖޭގައި އިސްލާމް ދީން ހިމާޔަތް ކުރުމާއި، ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި، ރާއްޖޭގެ އިގްތިސާދު ދިވެހިންގެ އަތްމަތީގައި ދެމެހެއްޓުމާއި، ރާއްޖޭގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ކުރެވިނިވި ގޮތުގެ މަތިން ކަންތައް ކުރެވުމާއި އަޅުގަނޑުމެން ގަބޫލުކުރާ ފިކުރާ އެއްގޮތް އެހެން ޕާޓީތަކާއި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގުޅޭނަން." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަށް ނުދޭ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށާއި ހުރިހާ ޓިކެޓެއްގެ ތެރެއިން ވެސް އެންމެ އިލްމީ ތަޖުރިބާހުރި އަދި ހިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅުން ހިމެނޭ ޓިކެޓަކީ ވެސް ޕީޕީއެމްގެ ޓިކެޓު ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ދާދި ފަހުން ޓީވީއެމްއިން ގެނެސްދިން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްއިންނާއި ރަނިންމޭޓު ބަހުސްގައި ސުވާލުތަކަށް އެންމެ ފުރިހަމައަށް ޖަވާބުދެއްވާފައިވަނީ ޔާމީނާއި ޖަމީލް ކަމަށާއި އެ ދެ ބަހުސްއިން ވެސް އެންމެ މަތިވެރި ކާމިޔާބެއް ހޯދީ ޕީޕީއެމްއިން ކަމަށެވެ. އެހެންކަމުން އެ ސަބަބާއި ހުރެ ވެސް ޕީޕީއެމްއަށް ވޯޓުލާން ޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ ދެން އަޅުގަނޑުމެން ކުރަން ބޭނުންވާ ސުވާލަކީ ކީއްވެގެންތޯއޭ ދެން މިދެބޭފުޅުން ފިޔަވައި އެހެން ބޭފުޅަކަށް ވޯޓުދޭންވީ؟ މިދެބޭފުޅުން ފިޔަވައި އެހެން އެއްވެސް ޓިކެޓަކަށް ވޯޓުދިނުން ވާނީ އަޅުގަނޑުމެންގެ ވޯޓު ބޭކާރުކޮށްލުން ކަމުގައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ޝަރަފެއް ނޫންކަން ހާމަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ހިދުމަތުގެ މަގާމެއް ކަމަށާއި އެމަގާމަށް ހޮވަން ޖެހޭނީ ރައްޔިތުންނަށް އެންމެ ބޮޑު ހިދުމަތްތަކެއްކޮށްދެއްވާނެ ބޭފުޅަކަށް ކަމަށެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރުމަށް މާލޭގެ ބިންތައް 99 އަހަރަށް ދޭން ދަތިވި ނަމަވެސް ޕީޕީއެމްގެ ސަރުކާރެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީކުރާ ހާއްސަ އިގްތިސާދީ ޒޯންތަކުގެ ބިންތައް 99 އަހަރަށް ދޭން ބޭނުންވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އިގްތިސާދީ ސަރަހައްދުތައް ތަރައްގީ ކުރަނީ ހަމައެކަނި އެ ސަރަހައްދުތަކުގައި ހިމެނޭ އަތޮޅުތައް ތަރައްގީ ކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ތަރައްގީ ކުރުމަށް ކަމަށެވެ. އެހެން ކަމުން، ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހޯދައިދީ، ޔަގީންކަން ދިނުމަކީ އިތުރު އިންވެސްޓްމެންޓްތައް ހޯދުމަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިންތިހާބުގައި ބުރުތަކެއް ނޯންނާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ