މިމަހުގެ 16 ވަނަ ދުވަހު ދެވަނަ ބުރު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފި

މިއަދު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސްކުރުމަށާއި ކުރިން ވެސް އިލެކްޝާންސް ކޮމިޝަނުން ތާވަލްކޮށްފައި އޮތް ގޮތަށް ނޮވެމްބަރު 16 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ މި އަމުރުން މިއަދު އިލެކްޝަންސް ކޮމިޝަނުން ބާއްވަން އޮތް އިންތިހާބެއް ނުބޭއްވޭނެ އެވެ. އަދި ސުޕްރީމް ކޯޓުން މިގޮތަށް އަމުރު މިކުރީ މިއަދު އިންތިހާބު އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ބުނިތާ ގަޑިއިރެއްހާއިރު ވެސް ނުވަނީހެވެ.
ސުޕްރީމް ކޯޓުގެ ތައްގަނޑު ޖަހާފައި ނެރުނު މި އަމުރުގައި ބުނެފައި ވަނީ އިންތިޚާބުގެ ދެވަނަ ބުރު މިއަދު ނުބޭއްވުމަށާއި އަންނަ ހޮނިހިރުދުވަހަކީ އެ އިންތިހާބު ބޭއްވުމަށް އެންމެ އެކަށީގެންވާ ތާރީހު ކަމަށް ފެންނާތީ އެ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
މިއަދު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މޫސާ އަންވަރާއި ޖުމްހޫރީ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ އަހުމަދު ޣާލިބް އެވެ. މި މައްސަލައިގައި ވަކާލާތުކުރެއްވީ ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ރޭ ދަންވަރު ބޭއްވި އަޑުއެހުންތަކުގައި ވައްޑެ ވިދާޅުވީ މިއަދު އިންތިހާބު ބާއްވާނަމަ ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްގުތައް ގެއްލިގެންދާނެތީ އިންތިހާބު ނުބޭއްވުމުގެ އަމުރެއް ނެރެދިނުމަށާއި ހުކުމް ކުރާއިރު އެކަމަށް ދޭންޖެހޭ މުއްދަތެއް ކަނޑައަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިލެކްޝަންސްގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ ފުރަތަމަ ބުރަށް ފަހު ދެވަނަ ބުރު ބޭއްވުމާ ދެމެދު 21 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށާއި ދެ ބުރު ވެސް ބޭއްވުމަށް ނިންމީ ހުރިހާ ކެންޑިޑޭޓުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ