ޑީއާރުޕީގެ މެމްބަރު ކަމުން ގާނޫނީ ގޮތުން ވަކިވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ޕާޓީގެ ކުރީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ޑީއާރުޕީގެ އަސާސީ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިންޓާނަލް ރެމެޑީސްތައް ފުރިހަމަ ނުކޮށް ވެސް ކޯޓަށް ހުށަހެޅިދާނެ ކަމަށް ދަށުން ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޑީއާރުޕީން ހުށަހެޅި މައްސަލައިގައި ވާހަކަދައްކަވަމުންނެވެ.
ދިފާއުގައި ވަހާކަދައްކަވަމުން އުމަރު ހައި ކޯޓުގައި ވިދާޅުވީ ޑީއާރުޕީގެ މެމްބަރުކަމުން ގާނޫނީ ގޮތުން ވަކިވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންނަމަވެސް ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ ޑީއާރުޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާ އަށް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ނަމަވެސް އިސްތިއުނާފު ކޮމެޓީގެ ނިންމުމަށް ނުފޫޒު ފޯރުވާނެ މީހުން ތިބުމުން ހައްގު ހޯދަން ދާން ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި، ޑީއާރުޕީގެ މެމްބަރު ކަމުން އުމަރު ވަކިކޮށްފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އުމަރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ޑީއާރުޕީގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ އެތެރޭގައި ފުރިހަމަކުރަން ޖެހޭ ކަންތައް ފުރިހަމަ ނުކޮށް އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މެމްބަރުކަމުން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަން އިސްތިއުނާފު ކުރުމަށް 14 ދުވަހުގެ ތެރޭގައި ޕާޓީގެ އިސްތިއުނާފު ކޮމެޓީ އަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މަގުބޫލު އުޒުރަކާ އެކު އޭގެ ފަހުން މައްސަލައެއް ހުށަހެޅި ނަމަވެސް އިސްތިއުނާފު ކޮމެޓީއިން ބަލާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް އުމަރު އަމަލުކޮށްފައި ނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން ސުއޫދު ވިދާޅުވީ އިންޓާނަލް ރެމެޑީސްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ބަލައިގަނެވިދާނެ ކަމަށް ގާޒީ ވިދާޅުވި ނަމަވެސް އެގޮތަށް ނިންމުމަށް ގާޒީ ފަސްޖެހިވަޑައިގެންނެވި ކަމަށެވެ.
ޑީއާރުޕީން ވަކިކުރުމުން އެ ޕާޓީގެ ޒާއީމްގެ ތާއީދާ އެކު ވަކި ފެކްޝަނެއް އުފައްދައިގެން މަސައްކަތް ކުރުމުން ދިޔަ ނަމަވެސް އުމަރު މީގެ ކުރިން ބުނަމުން ގެންދިޔައީ އޭނާ އަކީ ޕާޓީގެ މެމްބަރެއް ކަމަށާއި އަދި ޑެޕިއުޓީ ލީޑަރެއް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުން މިއަދު ހައި ކޯޓުން ވަނީ ނިންމާލާފަ އެވެ.
ގާނޫނީ ގޮތުން ޑީއާރުޕީގެ މެމްބަރެއް ނޫން ކަމަށް އުމަރު އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ